Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

ވެކްސިން ތައްޔާރު ކުރުން އަވަސް ކުރުމަށް ޗައިނާއިން ފެސިލިޓީތަކެއް ތައްޔާރުކުރަނީ

Photo: Handout

ކޯވިޑް-19 އަށް ވެކްސިން ފުޅާ ދާއިރާއެއްގައި ތައްޔާރުކުރުން އަވަސް ކުރުމަށް ސެކިޔުއަރ ފެސިލިޓީތަކެއް ތައްޔާރު ކުރުމުގެ މަސައްކަތް ޗައިނާ އިން ފަށައިފިއެވެ.

ޗައިނާގައި މިވަގުތުވެސް ދަނީ ކޯވިޑް-19 އަށް 5 ވެކްސިނެއް ތައްޔާރު ކުރެވެމުންނެވެ. އަދި މިވެކްސިންތައް ފުރިހަމަ ވުމުގައި އަދި އެތައް މަހެއް ނަގާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް އެޤައުމުން ދަނީ އެހާ ތަނަށް ބޭނުން ވާނެ ފެސިލިޓީތައް ޤާއިމު ކުރުމުގެ މަސައްކަތް މިހާރުން ފެށިގެން ކުރަމުންނެވެ.

އެގޮތުން، މި ފެސިލިޓީތައް ވެގެން ދާނީ ބަޔޯ ސެކިއުރިޓީ ރޭޓިންގ 3 ގެ ތަނަކަށެވެ. މިއީ ދެވަނައަށް އެންމެ މަތީ ބަޔޯ ރޭޓިންގއެވެ. މި ލެވެލްގެ ބަޔޯ ރޭޓިންގ ފެސިލިޓީތަކެއް ހަދަން ޖެހުމުގެ ސަބަބަކީ ކޯވިޑް-19 ފަރުތާ ސާރސް-ކޮވް-2 އަކީ ވަރަށް ޕެތޮޖެނިކް ވައިރަސް އަކަށް ވުމުން، މި ވައިރަސް ބޭނުންކޮށްގެން ވެކްސިންގެ މަސައްކަތް ކުރުމަށް ސެކުރިޓީ މަތި ފެސިލިޓީތައް ބޭނުން ވުމެވެ.

ޗައިނާގައި މިވަގުތު ތައްޔާރު ކުރެވެމުންދާ 5 ވެކްސިންގެ ތެރެއިން 4 ވެކްސިން އަކީ އިންއެކްޓިވޭޓެޑް ވައިރަސް ބޭނުން ކޮށްގެން ހެދޭ ވެކްސިންތަކެކެވެ. މާނަ އަކީ މިވެކްސިންގައި ވައިރަސްތައް ހުންނާނީ މަރާލެވިފައެވެ. އަދި އެ ވައިރަސްގެ ސަބަބުން ހަށިގަނޑުގައި އެއްވެސް ބޮޑު އިންފެކްޝަނެއް ނުއުފެދޭނެއެވެ. ނަމަވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު އެކްޓިވޭޓް ކޮށްދޭނެއެވެ.

ޗައިނާގައި އުފެއްދޭ ފަސް ވަނަ ވެކްސިނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެން އުފެއްދޭ 5 ވެކްސިން އަކީ މިއާއި ޚިލާފަށް ޖެނެޓިކް ޓެކްނީކް ބޭނުން ކޮށްގެން އުފެއްދޭ ވެކްސިންތަކެކެވެ. އެހެންކަމުން، އަސްލު ވައިރަސް ބޭނުން ނުކޮށް ކުރެވޭ މަސައްކަތެއް ކަމުން، މި ވެކްސިން އުފެއްދުމަށް އެހާ ސެކިއުރިޓީ މަތި ފެސިލިޓީތަކެއް ބޭނުމެއް ނުވާނެއެވެ.

އެގޮތުން މިހާރު އެޤައުމުގައި ދެ ފެސިލިޓީއެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި އެތަނުން ބެއިޖިއިންގ ގައި ހުންނަ ފެސިލިޓީގެ މަސަައްކަތް ނިމި، މިހާރު ދަނީ ސަރޓިފައި ކުރުމަށް ކޮލިފައިވުމުގެ މަސައްކަތް ކުރެވެމުންނެވެ. އަދި ވޫހާން ގެ ފެސިލިޓީގެ އިމާރާތް ކުރުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.

އެޤައުމުން ހާމަ ކުރާ ގޮތުގައި، ބެއިޖިއިންގ ފެސިލިޓީއިން އަހަރަކަށް 100 މިލިއަން ޑޯޒު އުފެއްދޭނެއެވެ. އަދި ވޫހާން ފެސިލިޓީއިން އަހަރަކަށް 80 މިލިއަން ޑޯޒް އުފެއްދޭނެއެވެ.

ޗައިނާގައި މިހާރު ވެކްސިންގެ 2 ވަނަ ފޭސްގެ ތަހުލީލުތައް ވަނީ ފެށިފައެވެ. އަދި މި ފޭސް ނިމޭނެ ކަމަށް އެޤައުމުން ލަފާކުރަނީ ޖުލައި މަހުގެ ތެރޭގައެވެ.