Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

ބަލިޖެހޭ މީހުންގެ އަދަދު އިތުރުވިޔަސް އިންޑިއާއިން ފުރަބަންދަށް ލުއިދެނީ

ފާއިތުވި 24 ގަޑިއިރުގެތެރޭގައި އިންޑީއާގެ އެކި ސަރަހައްދުތަކުން 8380 މީހުންނަށް ކޮރޯނާވައިރަސް ޖެހުނުކަމަށްވިޔަސް އިންޑިއާގެ އެކި ސަރަހައްދުތަކުން ފުރަބަންދަށް ލުއިދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ދެމަހަށްވުރެ ގިނަ ދުވަހަށް ދިގުދެމިގެންދިޔަ ވަރުގަދަ ފުރަބަންދަށް ލުއި ދިނުމުގެ ގޮތުން ޖޫން މަހުގެ އަށްވަނަ ދުވަހުން ފެށިގެން އަޅާ ފިޔަވަޅުތަކުގެތެރޭގައި ހިމެނެނީ ރެސްޓޯރެންޓުތަކާއި ހޮޓާތަކާއި ޝޮޕިން މޯލްތައް ހުޅުވުމެވެ. ދެން އަޅާ ފިޔަވަޅެއްގެ ގޮތުން ޖުލައި މަހު ސްކޫލްތަކާއި ކޮލެޖުތަކުގައި ކިޔަވައިދޭންފަށާނެއެވެ.

ތިންވަނަ މަރުހަލާގައި ހިމެނެނީ ބައިނަލްއަގުވާމީ ދަތުރުތައް ފެށުމުގެ ހުއްދަ ދިނުމާއި ބޮޑެތި ބަސްތަކުގެ ދަތުރުތައް ފެށުމުގެ އިތުރަށް ބައިސްކޯފު ދައްކާތަންތަން ހުޅުވުމާއި ކުޅިވަރުކުޅުމުގެ ހުއްދަ ދިނުމާއި ކަސްރަތުކުރާތަންތަން ހުޅުވުމުގެ ހުއްދަ ދިނުމެވެ. އެ މަރުހަލާގެ ތާރީޚު ކަނޑައަޅާނީ ހާލަތަށްބަލައި ތަންކޮޅެއް ފަހުންނެވެ.

ފުރަބަންދަށް ލުއިދިނަސް އިންޑިއާއިން ރާވާފައިވަނީ ރޭގަނޑު ބޭރަށް ނިކުމެ އުޅުން މަނާކުރާގޮތަށެވެ. އެއީ ރޭގަނޑު ނުވަޔަކުން ފަތިހު ފަހަކަށެވެ.

ސަރުކާރުން ރާވާފައި ވަނީ ބައެއް ސްޓޭޓުތަކުގައި ފުރަބަންދަށް ލުޔެއް ދިނަސް ވައިރަސްގެ އަސަރު ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކަށް ލުއިނުދޭ ގޮތަށެވެ. ފުރަބަންދަށް ލުއިދޭ ސަރަހައްދުތައް ކަމާބެހޭ އިދާރާތަކުން ވަރަށް އަވަހަށް ހާމަކުރަމުން ގެންދާނެއެވެ.

އާދީއްތަދުވަހުގެ ހަވީރުގެ ރިޕޯޓުތަކަށް ބަލާއިރު އިންޑިއާގެ 182970 މީހުންނަށް ވަނީ ކޮރޯނާ ވައިރަސް ޖެހިފައެވެ. އަދި އެ ބަލީގައި 5183 މީހުން ވަނީ މަރުވެފައެވެ.

އިންޑިއާއިން މުޅިގައުމުގައި ފުރަބަންދު ގާއިމުކުރީ މާޗު މަހުގެ 25 ވަނަ ދުވަހުގައެވެ.