Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބާއްވާ ޖަލްސާ މިރޭ ދަންވަރު

ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ތެރެއިން: ފޮޓޯ / މަޖިލިސް

މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމުގެ ގޮތުން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހު ފާސްކުރުމަށް ބާއްވާ ޖަލްސާ އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން އެޖެންޑާކޮށްފައިވާ މި ޖަލްސާ އޮންނާނެ ކަމަށް ބުނެފައިވަނީ މިރޭ ދަންވަރު 1:30ގައެވެ.

މި އިސްލާހަށް ވޯޓަށް އެހުމަށް މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ ޖަލްސާއެއް ބާއްވާފައެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާގައި އިސްލާހަށް ވޯޓަށް އެހިފައި ނުވަނީ އިދިކޮޅު ޕީޕީއެމް އިން އެކަމަށް އެއްބަސް ނުވުމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮމެޓީ ރިޕޯޓު ފާސް ކުރުމަށް ފަހު މަޖިލީހަށް އެޖެންޑާ ކުރުމަށް ތިން ދުވަސް ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެއްޖެ ނަމަ އެ މުއްދަތު ފަހަނަ އަޅައި ވޯޓަށް އެހިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ފަހުން ނަޝީދު ވިދާޅުވީ އެގޮތަށް މައިނޯޓީ ލީޑަރު އެއްބަސްނުވާ ކަމަށެވެ. ނަމަވެސް އުއްމީދު ކުރަނީ މައިނޯރިޓީ ލީޑަރު އަދިވެސް އެއްބަސްވާނެ ކަމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމާ ގުޅޭގޮތުން، ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހެޅުނު ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭގެއެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ 63 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކޮށްފައިވަނީ ދެ އިސްލާހަކާއި އެކުއެވެ.

އެގޮތުން އެ ދެ އިސްލާހު ވެސް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. އެ ދެ އިސްލާހުގައި ބުނެފައިވަނީ ސަރުކާރުން ފޮނުވި އިސްލާހު ބިލުން އުނިކޮށް، ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމެނުމަށާއި އަދި އެ މާއްދާގެ ދަށުން ކައުންސިލަރުން މަގާމުގައި ތިބެވޭނެ ގޮތުގެ އުސޫލުތަކާއެކު އާ ގާނޫނެއް ފާސްކުރުމަށެވެ.

ކައުންސިލަރުންގެ ދައުރު އަންނަ މަހު ހަމަވާތީ ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅުމުން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލުފާތުވުންތައް އުފެދިފައެވެ.

އެއާއެކު މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ލަފަޔެއް ހޯދުމަށް ފާސްކޮށްފައެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މަޖިލީހަށް ދެއްވި ލަފާގައި ބުނެފައިވަނީ ގާނޫނުގެ މާއްދާއަކަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.

އަދި އެގޮތަށް ގެނެވޭ އިސްލާހު ގާނޫނުގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަކޮށް ބަޔާންކޮށްފައި އޮންނަން ވާނެ ކަމަށްވެސް އެ ލަފާގައި ބުނެފައިވެއެވެ.