Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ނުރައްކާތެރި ބައްޔެއްގައި މަރުވާ މީހުން ވަޅުލާނެ އުސޫލެއް ހަދައިފި

ނުރައްކާތެރި ބައްޔެއްގައި މަރުވާ މީހުން ވަޅުލެވޭނީ 60 އަހަރުން ދަށުގެ މީހުންނަށް ކަމަށް ބުނެ ގަވާއިދެއް އެކުލަވާލައިފިއެވެ.

"ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުންނާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ނަމުގައި އެކުލަވާލައިފައިވާ މި ގަވާއިދު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ.

މި ގަވާއިދުގައި ބުނެފައިވަނީ ކަށުކަމާކެމީގެ މަސައްކަތް ކުރާ މީހަކީ 60 އަހަރުން ދަށުގެ މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެފަދަ މީހަކީ ބައްޔެއްގެ ސަބަބުން، ނުވަތަ އެހެން ސަބަބަކާއި ހުރެ، ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ. އެ ބައްޔެއްގެ ޒާތުން، ބަލިޖެހުމުން ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑު މީހަކަށް ވެގެން ނުވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގައި ނުރައްކަލުގެ ދެ ގިންތިއެއް ވަނީ ބަޔާންކޮށްފައެވެ. ފުރަތަމަ ގިންތީގައި ބުނެފައިވަނީ އިންސާނުންނަށް ނުރައްކާތެރި ބައްޔަކަށް ވުމާއެކު، ވަޅުލުމުގައި މަސައްކަތްކުރާ މީހުންނަށް އެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެފައި، މުޖުތަމަޢަށް އެ ބަލި ފެތުރުމުގެ ފުރުޞަތު އޮތްކަމަށް ޤަބޫލުކުރެވުމާއެކު، އާންމުގޮތެއްގައި އެ ފަދަ ބަލިބަލިން ދިފާޢުވުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅުތައް ހުރުމާއި، އެ ބަލިން ރަނގަޅުވުމަށް ދެވޭނެ ފަރުވާ ހުންނަން ޖެހޭނެ ކަމަށެވެ.

ދެވަނަ ގިންތިއެއްގެ ގޮތުގައި ބުނެފައިވަނީ އިންސާނުންނަށް ނުރައްކައުތެރި ބައްޔަކަށް ވެފައި، ވަޅުލުމުގައި މަސައްކަތްކުރާ މީހުންނަށާއި މުޖުތަމަޢަށް އެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑު ކަމަށް ޤަބޫލުކުރެވުމާއެކު، އެ ބަލިން ރަނގަޅުވުމަށް ދެވޭނެ ފަރުވާއެއް ހޯދިފައި ނެތުން ކަމަށެވެ.

ސިއްހީ ހިދުމަތް ދޭ ތަނެއްގައި ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ ނަމަ ކަންކުރަންވި ގޮތްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މޫނާއި އަތް ފެންނަގޮތަށް، މައްޔިތާގެ ހަށިގަނޑު، ހުދު ފޮތިގަނޑަކަށް ލައި އޮޅައިލަންވާނެއެވެ. އަދި ފެން ނުފާއްދާ
މެޓީރިއަލެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބޮޑީ ބޭގަކަށް މައްޔިތާ ލާންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ބޮޑީ ބޭގަށް މައްޔިތާ ލުމަށްފަހުގައި، ސައިބޯނި ލައިފައިވާ ފެން ފޮތިގަނޑަކުން، ބޮޑީ ބޭގުގެ ބޭރު ސާފު ކުރަން ވާނެއެވެ. އަދި އެއަށްފަހު، 9 ލީޓަރުގެ ފެނަށް އެއް ލީޓަރުގެ ބްލީޗް އަޅައިގެން ތައްޔާރުކުރާ، ނުވަތަ ތައްޔާރު ކޮށްފައިވާ ބްލީޗް ސޮލިއުޝަން ބޭނުންކޮށްގެން، ބޮޑީ ބޭގުގެ ބޭރު ޑިސްއިންފެކްޓް
ކުރަން ވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.