Last Updated: April 25, 08:39
Thursday, April 25, 2024
ޚަބަރު

ގާނޫނުއަސާސީ ބަދަލުކުރާނަމަ ގާނޫނުއަސާސީގެ ބޭނުމެއް ނެތް: ޑރ. މުނައްވަރު

ޑރ. މުނައްވަރު: ފޮޓޯ / މިހާރު

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް އަމަލު ނުކޮށް ގާނޫނުއަސާސީ އިސްލާހުކޮށް ނުވަތަ ބަދަލު ކުރާ ނަމަ ގާނޫނުއަސާސީގެ ބޭނުމެއް ނެތް ކަމަށް ކުރީގެ ބަންޑާރަ ނައިބް އަދި އެމްޑީޕީގެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައި ވަނިކޮށެވެ. މުޅި މަޖިލީހުގެ ކޮމެޓީން މިހާރު ވަނީ އެ އިސްލާހު ފާސްވެސް ކޮށްފައެވެ.

ޑރ. މުނައްވަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމެއް ދިމާވާ ކޮންމެ ފަހަރަކު ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް އަމަލުނުކޮށް ގާނޫނުއަސާސީ ބަދަލު ކުރާނަމަ އެ ގާނޫނުއަސާސީއެއްގެ ބޭނުމެއް ނެތް ކަމަށެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމުގެ ގޮތުން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހު ފާސްކުރުމަށް ބާއްވާ ޖަލްސާ އޮންނާނެ ކަމަށް ބުނެފައިވަނީ މިރޭ ދަންވަރު 1:30ގައެވެ.

މި އިސްލާހަށް ވޯޓަށް އެހުމަށް މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ ޖަލްސާއެއް ބާއްވާފައެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާގައި އިސްލާހަށް ވޯޓަށް އެހިފައި ނުވަނީ އިދިކޮޅު ޕީޕީއެމް އިން އެކަމަށް އެއްބަސް ނުވުމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮމެޓީ ރިޕޯޓު ފާސް ކުރުމަށް ފަހު މަޖިލީހަށް އެޖެންޑާ ކުރުމަށް ތިން ދުވަސް ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެއްޖެ ނަމަ އެ މުއްދަތު ފަހަނަ އަޅައި ވޯޓަށް އެހިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ފަހުން ނަޝީދު ވިދާޅުވީ އެގޮތަށް މައިނޯޓީ ލީޑަރު އެއްބަސްނުވާ ކަމަށެވެ. ނަމަވެސް އުއްމީދު ކުރަނީ މައިނޯރިޓީ ލީޑަރު އަދިވެސް އެއްބަސްވާނެ ކަމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމާ ގުޅޭގޮތުން، ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހެޅުނު ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭގެއެވެ.