Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އެމެރިކާގެ ބައެއް ފުލުހުންވެސް ޖޯޖު ފްލޮއިޑް މުޒާހަރާގައި ބައިވެރި ވެއްޖެ

PHOTO BY EVA MARIE UZCATEGUI/AFP VIA GETTY IMAGES

ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ކުރަމުން ދާ ޖޯޖު ފްލޮއިޑް މުޒާހަރާތަކުގައި އެމެރިކާގެ ބައެއް ސިޓީތަކުގެ ފުލުހުން ވެސް ބައިވެރި ވެއްޖެއެވެ.

ގިނަ ސަރަހައްދުތަކުގައި މުޒާހަރާ ކުރާ މީހުންނާއި ދެކޮޅަށް ފުލުހުން މުގުރާއި ކަރުނަ ގޭސް ބޭނުން ކޮށްގެން ނިކުންނަ ތަން ސޯޝަލް މީޑިއާގައި ދައުރު ވަމުން ދާއިރު، އެޤައުމުގެ ބައެއް ސިޓީތަކުގައި ފުލުހުންވެސް ވަނީ މުޒާހަރާގައި ބައިވެރިވެފައެވެ.

އެގޮތުން ފުލުހުން ވަނީ މި މުޒާހަރާތަކުގައި ބައިވެރި ވުމުގެ ގޮތުން ހެލްމެޓު ބާލާ، މުގުރު ބިންމަތީ ބޭއްވުމަށް ފަހު އެއް ކަކޫ މައްޗަށް ތިރިވެ، އިސް ޖަހާފައެވެ. އަދި ނިއު ޖަރޒީގެ ކެމްޑެންގެ ފުލުހުން ވަނީ "ސްޓޭންޑިންގ އިން ސޮލިޑޭރިޓީ" ލިޔެފައި އޮތް ބެނަރ އެއް އުފުއްލުމަށް ވެސް އެހީތެރިވެފައެވެ.

މީގެ އިތުރުން ޖެނެސީ ކައުންޓީ އަދި ސެންޓަ ކްރޫޒް އާއި ކެންސަސް ސިޓީގެ ފުލުހުންވެސް ވަނީ މި މުޒާހަރާތަކަށް އެއްބާރުލުން ދީ، މުޒާހަރާތަކުގައި އަމަލީގޮތުން ބައިވެރިވެފައެވެ. އެގޮތުން ކެންސަސް ސިޓީގެ ދެ ފުލުހަކު ވަނީ "އެންޑް ޕޮލިސް ބްރޫޓެލިޓީ" ލިޔެފައި ހުރި ޕޯސްޓަރުތަކެއް ހިފައިގެން ނިކުމެފައެވެ. ހަމަ މިއާއެކު، ފަރގޯ އަދި ފަރގިއުސަންގެ ފުލުހުންވެސް މި ހަރަކާތް ތަކުގައި ބައިވެރިވެ، އެފަރާތްތަކާއި އަތް ގުޅާލިއެވެ.

ނަމަވެސް، ކެންސަސް ސިޓީ، ފަރގޯ އަދި ފަރގިއުސަންގައި ފުލުހުންނާއި މުޒާހަރާ ކުރާ ފަރާތްތަކާމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވެސް ހިނގާ ދިޔައެވެ.

މި މުޒާހަރާ ތަކަކީ މޭއި 25 ވަނަ ދުވަހު އެމެރިކާގެ މިނިއޭޕޮލިސްގެ ފުލުހުން ޖޯޖު ފްލޮއިޑް ނަމަކަށް ކިޔާ މީހަކު ހައްޔަރު ކުރުމުގައި ނަހަމަ ބާރު ބޭނުން ކޮށް، އޭނާގެ ކަރަށް ކަކުލުން ފިތާ، މަރާލުމާއި ގުޅިގެން ކުރެވޭ މުޒާހަރާތަކެކެވެ.

އެމެރިކާ އަކީ ފުލުހުންގެ އަތް ދަށުން ކަޅު ނަސްލުގެ މީހުން މަރުވުމުގެ ރިކޯޑެއް އޮންނަ ޤައުމަކަށް ވާއިރު، މިހާދިސާ ވަނީ ނަސްލީ ތަފާތު ކުރުމާއި ފުލުހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މިސާލެއް ކަމުގައި ނެގިފައެވެ. އަދި މިކަމާއި ގުޅިގެން އެތައް ހާސް ބަޔަކު ދަނީ މަގު މައްޗަށް ނިކުމެ އަޑު އުފުލަމުންނެވެ.