Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ޔާމީން ޖަލަށްލީ ނުހައްގުންކަމަށް މައުމޫނަށް ވިދާޅެއްނުވެވޭނެ: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި ވަނީ ނުހައްގު ކަމަކަށް އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް ވިދާޅު ނުވެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ރައީސް ޔާމީން ޖަލަށްލީ ނުހައްގުން ކަމަކަށް ރައީސް މައުމޫނަށް ވިދާޅުނުވެވޭނެ ކަމަށެވެ. ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް މައުމޫންގެ ދަރިކަލުން އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

ޣައްސާން ވަނީ ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ދާދިއަވަހަށް ރައީސް ޔާމީންގެ ދިފާއުގައި ވާހަކަދައްކަވާފާނެ ކަމަށް ވިދާޅުވެފައެވެ. ޣައްސާން މިހެން ވިދާޅުވީ އޭނާ އަށް އަމާޒުކޮށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ފާޑު ވިދާޅުވުމުން އެބޭފުޅުންނަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓްތަކެއްގައެވެ.

ވައްޑެ ކުރެއްވި ޓްވީޓެއްގައި ބައްޕާފުޅާއި ބޭބޭފުޅުގެ ދިފާޢުގައި ބަހެއް ބުނަން އޭރު ނުކެރުނީ ކީއްވެތޯ ޣައްސާނާއި ވަނީ ސުވާލު ކުރައްވާފައެވެ. ޝަރީޢަތެއް، ޙުކުމެއް ވެސް ނެތި އޭރު އެބޭފުޅުން ޖަލަށް ލާފައި ތިބި ކަމަށާއި، މިހާރު ޔާމީން އެންމެނަށް ވެސް ގަބޫލު ކުރެވޭ ވަރުގެ ބޮޑު ޙުކުމެއްގައި ކަމަށް ވައްޑެ ވިދާޅުވިއެވެ.

އެ ޓްވީޓަށް ރައްދު ދެއްވާ ޣައްސާން ވަނީ އޭނާ ސަންގުޓީވީ އަށް ދެއްވި އިންޓަވިއު ބައްލަވާލެއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެ އިންޓަވިއުގެ ދިގުމުނުގެ ސަބަބުން އަދި އިންޓަވިއު ބަލާ ނުލެވޭ ކަމަށް ވިދާޅުވެ ވައްޑެ ވިދާޅުވީ ޔާމީނަށް ސިޔާސީ ނުފޫޒުން ޙުކުމެއް އައިނަމަ ޔަގީނުން ވެސް ބައްޕާފުޅާއި ބޭބޭފުޅު ވެސް އެކަން ފާހަގަ ކުރައްވާނެ ކަމަށް ދެކޭކަމަށެވެ.

ވައްޑެއަށް ރައްދު ދެއްވާ ޣައްސާން ވަނީ ކޯލިޝަން މުގުރުމުން އެކަން ފެންނާނެ ކަމަށާއި އަދި މިހާރުވެސް އެކަން ފެންނަ ކަހަލަ ކަމަށް ވިދާޅުވެފައެވެ.