Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ގާނޫނުން އެންއައިސީ އަށް މަތިކޮށްފައިވާ ޒިންމާ އަދާނުކުރާތީ އިމްރާންގެ ކަންބޮޑުވުން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: ރައީސް އޮފީސް

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ ސީދާ ކޮން ކަމަކާއި ގުޅިގެން ކަމެއް ނޭނގެއެވެ. ނަމަވެސް އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ މިނިއާޕޮލިސް ގެ ފުލުހުން ވަރަށް އަނިޔާވެރި ގޮތަކަށް ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ކިޔާ މީހަކު ފުލުހެއްގެ އަނިޔާވެރި އަމަލުތަކެއްގެ ސަބަބުން މަރުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ރާއްޖޭގައިވެސް ފުލުހުން އާއްމުންނަށް ކޮށްފައިވާ އަނިޔާތަކާއި ގުޅޭ ފޮޓޯތަކެއް އަންނަނީ ދައުރުވަމުންނެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާއާ ޖަލުތަކުގައި ނުހަމައިން ކަންކަން ނުހިނގާނެ ގޮތަށް ސިޔާސަތުތައް އެކުލަވާލުމަކީ ހޯމް މިނިސްޓްރީން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް ވަކިވަކި ފުލުހުންނަށް ފިޔަވަޅު އެޅުމަކީ ގާނޫނީ ގޮތުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ކުރަން ލާޒިމް ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

އެންއައިސީގެ މަސައްކަތްތަކާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަންބޮޑުވުން ފާޅުކުރެއްވިއިރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ދޭން ބުނި މައުލޫމާތުތަކެއް އެންއައިސީ އިން ދީފައި ނުވާ ކަމަށް އެ ކޮމެޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ކޮވިޑް19 އާއި ގުޅިގެން މިނިވަން މުއައްސަސާތަކުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެކުލަވާލި ރިޕޯޓު މަޖިލީހުގެ ތަޅުމަށް އިއްވައި ދެއްވަމުން އެ ކޮމެޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންއައިސީން ކޮމެޓީން އެދުނު މައުލޫމާތު ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެހެން މުއައްސަސާތަކުން އެ ކޮމެޓީއަށް މައުލޫމާތު ދީފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެއީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެ ކޮމިޝަނުގެ އިތުބާރާއި ގުޅޭ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެކަމާއި ގުޅިގެން އެންއައިސީގެ މެންބަރުން މަގާމުން ވަކި ކުރެއްވުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ގޮވާލައިފައެވެ.