Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ނަޝީދުގެ ވިސްނުމަކީ އެމްއާރްއެމް ކޯލިޝަނުން ބޭރުކޮށްލުން: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވިސްނުމަކީ ސަރުކާރު ކޯލިޝަންގައި މިވަގުތު އޮތް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމް ކޯލިޝަނުން ބޭރުކޮށްލުން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިފަދައިން ވިދާޅުވެފައި މިވަނީ ނަޝީދު ކުރެއްވި މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީން ޖަލަށްލީ ނުހައްގުން ކަމަކަށް ރައީސް މައުމޫނަށް ވިދާޅުނުވެވޭނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އެކަމަށް ރައްދު ދެއްވާ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށް ރައީސް މައުމޫނަށް ވިދާޅު ނުވެވޭނީ، ރައީސް ޔާމީނަށް އިއްވާފައި ވަނީ އެމްއާރްއެމް ހިމެނޭ ސަރުކާރުން، ނުފޫޒު ފޯރުވައިގެން އިއްވާފައިވާ ސިޔާސީ ހުކުމަކަށްވުމުން ކަމަށެވެ.

އަދި ވިދާޅުވީ ރައީސް ނަޝީދުގެ ވިސްނުމަކީ ކުށެއް ދައްކައިގެން އެމްއާރްއެމް ސަރުކާރު ކޯލިޝަނުން ބޭރު ކޮށްލުން ކަމަށްވެސް އާދަމް ޝަރީފުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ޖަލަށްލީ ނުހައްގުން ކަމަކަށް ރައީސް މައުމޫނަށް ވިދާޅުނުވެވޭނެ ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ ރައީސް މައުމޫންގެ ދަރިކަލުން އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

ޣައްސާން ވަނީ ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ދާދިއަވަހަށް ރައީސް ޔާމީންގެ ދިފާއުގައި ވާހަކަދައްކަވާފާނެ ކަމަށް ވިދާޅުވެފައެވެ. ޣައްސާން މިހެން ވިދާޅުވީ އޭނާ އަށް އަމާޒުކޮށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ފާޑު ވިދާޅުވުމުން އެބޭފުޅުންނަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓްތަކެއްގައެވެ.

ވައްޑެ ކުރެއްވި ޓްވީޓެއްގައި ބައްޕާފުޅާއި ބޭބޭފުޅުގެ ދިފާޢުގައި ބަހެއް ބުނަން އޭރު ނުކެރުނީ ކީއްވެތޯ ޣައްސާނާއި ވަނީ ސުވާލު ކުރައްވާފައެވެ. ޝަރީޢަތެއް، ޙުކުމެއް ވެސް ނެތި އޭރު އެބޭފުޅުން ޖަލަށް ލާފައި ތިބި ކަމަށާއި، މިހާރު ޔާމީން އެންމެނަށް ވެސް ގަބޫލު ކުރެވޭ ވަރުގެ ބޮޑު ޙުކުމެއްގައި ކަމަށް ވައްޑެ ވިދާޅުވިއެވެ.

އެ ޓްވީޓަށް ރައްދު ދެއްވާ ޣައްސާން ވަނީ އޭނާ ސަންގުޓީވީ އަށް ދެއްވި އިންޓަވިއު ބައްލަވާލެއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެ އިންޓަވިއުގެ ދިގުމުނުގެ ސަބަބުން އަދި އިންޓަވިއު ބަލާ ނުލެވޭ ކަމަށް ވިދާޅުވެ ވައްޑެ ވިދާޅުވީ ޔާމީނަށް ސިޔާސީ ނުފޫޒުން ޙުކުމެއް އައިނަމަ ޔަގީނުން ވެސް ބައްޕާފުޅާއި ބޭބޭފުޅު ވެސް އެކަން ފާހަގަ ކުރައްވާނެ ކަމަށް ދެކޭކަމަށެވެ.

ވައްޑެއަށް ރައްދު ދެއްވާ ޣައްސާން ވަނީ ކޯލިޝަން މުގުރުމުން އެކަން ފެންނާނެ ކަމަށާއި އަދި މިހާރުވެސް އެކަން ފެންނަ ކަހަލަ ކަމަށް ވިދާޅުވެފައެވެ.