Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ވީޑިއޯ މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ޝަރީޢަތެއް ފުރަތަމަ ފަހަރަށް ބާއްވައިފި

ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ސުޕްރީމް ކޯޓުގެ ޝަރީޢަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބާއްވައިފިއެވެ.

އެގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ކުރިއަށް ގެންގޮސްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދަޢުވާކޮށް ބ. ތުޅާދޫ ގުލްބަހާރުގެ ޢަދުނާން ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލައިގެ ބެންޗްގައި ހިމެނި ވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރު އާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު އެވެ.

މި ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުންނާއި، ދަޢުވާކުރާފަރާތާއި އެ ފަރާތުގެ ވަކީލު އަދި ދަޢުވާލިބޭ ފަރާތާއި ކޯޓުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވީ އެ ފަރާތެއް ޤާއިމްވެހުރި ތަނުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ބާއްވާ ޝަރީޢަތްތައް ލައިވްކުރުމަށް ހަމަޖެހިފައިވީނަމަވެސް، މިއަދު ކުރިއަށް ގެންދެވުނު ޝަރީޢަތުގެ މަޖިލީހަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ޢާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދަންޖެހޭ ބާވަތުގެ މައްސަލައަކަށްވާތީ މިއަދުގެ ޝަރީޢަތް ލައިވްކޮށްފައެއް ނުވެއެވެ.