Last Updated: March 28, 19:01
Thursday, March 28, 2024
ދުނިޔެ

"ރައްޔިތުންގެ ދިރިއުޅުން ބަންދުކޮށްގެން ގައުމު ކުރިއަކަށް ނުގެންދެވޭނެ"

ރައްޔިތުންގެ ދިރިއުޅުން ބަންދުކޮށްގެން ގައުމު ކުރިއަށް ނުގެންދެވޭނޭކަމުގައި ނެޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރގެ ވެރިޔާ އަދި ޕާކިސްތާނުގެ ޕްލޭނިން މިނިސްޓަރ އަސަދު ޢުމަރު ވިދާޅުވެއްޖެއެވެ.

"ކޮރޯނާގެ ވަބާ ގައުމަށް ފެތުރެމުން ދަނީ. މަރުވާމީހުންގެ އަދަދު އިތުރުވަމުން ދަނީ. އެކަމަކު ރައްޔިތުންގެ ދިރިއުޅުން ބަންދުކޮށްގެން ގައުމު ކުރިއަކަށް ނުގެންދެވޭނެ." ޓީވީ އިންޓަވިއުއެއްގައި އަސަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ކުރިން ލަފާކުރި އަދަދަށްވުރެ ބަލި ފެތުރޭ މިންވަރުކުޑައެވެ. އަދި ބަލި ޖެހޭ މީހުންގެ އަދަދުވެސް މަދެވެ. ނަމަވެސް ހޯމަދުވަހުގެ މެންދުރުގެ ރިޕޯޓުތަކަށް ބަލާއިރު ކޮރޯނާވައިރަސް ޖެހިގެން ޕާކިސްތާނުން 1543 މީހުން ވަނީ މަރުވެފައެވެ. އަދި އެ ގައުމުގައި މިހާތަނަށް 72460 އަށްވުރެ ގިނަ މީހުން ކޮރޯނާވައިރަސް ޖެހިފައިވެއެވެ.

އަސަދު ވިދާޅުވިގޮތުގައި ރޯދަމަހުގެ މެދުތެރޭއާހަމައަށް ރައްޔިތުން ވަރަށް ކިޔަމަންތެރިކަމާއެކު ގެއިން ބޭރަށް ނުނިކުމެ ސިއްހީދާއިރާގެ މީހުންގެ ބަސްއަހައިގެން ގޭގައި ތިއްބެވެ. ނަމަވެސް ރޯދަމަހުގެ ފަހުކޮޅުން ފެށިގެން ބައެއް ސަރަހައްދުތަކުގެ މީހުން ބޭރަށް ނިކުމެ އުޅުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕާކިސްތާނުގެ ސިންދު ސްޓޭޓުގައި ކޮރޯނާވައިރަސް ފެތުރެމުން ދިޔަޔަސް އެ ސްޓޭޓު ފުރަބަންދަކަށް ނުދެއެވެ. އެ ސްޓޭޓުގެ ސިޔާސަތަކީ ވައިރަސްޖެހިފައި ތިބޭ މީހުން އުޅޭ ގޭގޭގެ މީހުން ބޭރަށް ނުނިކުތުމުގެ އުސޫލު ހިފެހެއްޓުމެވެ. އެއީ ރައްޔިތުންނަށް ލުއިދިނުމުގެ ގޮތުން ގެންގުޅޭ ސިޔާސަތެކެވެ.

ޕާކިސްތާނު ސަރުކާރުން ނިންމާފައިވަނީ ފުރަބަންދު ގާއިމުކޮށްފައިވާ ސަރަހައްދުތަކަށް ވެސް ވީހާ އަވަހަކަށް ވީހާވެސް ބޮޑަށް ލުއިދިނުމަށެވެ.