Last Updated: April 20, 17:01
Saturday, April 20, 2024
ޚަބަރު

ޝިޔާމްގެ ވާހަކަ މީޑިއާއިން ގެނެސްދިނުމަކީ ޑިމްކްރަސީއެއް ނޫން: އިކުރާމް

ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ފެނިގެންދިޔައީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީސް ހިސޯރު ކުރިތަން ކަމަށާއި، މިކަން މީޑިއާއިން ގެނެސްދޭނެ ކަމަށާއި، އެއީ މީޑިއާތަކުގެ ޒިއްމާދާރުކަން ކުޑަކަންކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކުރާމް ހަސަން ވިދާޅުވެއްޖެއެވެ.

ރޭ ދަންވަރު 1:30 ގައި ބޭއްވި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ޖަލްސާ އަކީ މަޖްލިސްގެ ގަވާއިދާއި ހިލާފަށް ބާއްވާ ޖަލްސާއެއް ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު އަޑުގަދަ ކުރަން ފެއްޓެވުމުން މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވައި، މަޖްލިސް ތަޅުން ދޫކޮށް ވަޑައިގަތުމަށް އަންގަވާފައެވެ. ނަމަވެސް ޝިޔާމު ދެކޮޅު ހައްދަވައި، މަޖްލިސް ފްލޯގައި މަޑު ކުރެއްވުމުން ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުންނަށް ޝިޔާމު ބޭރު ކުރުމަށް އަންގަވާފައެވެ.

ނަޝީދުގެ އެންގެވުމަށް އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ޝިޔާމު ވަށާލައި، މަޖްލިސްގެ ފްލޯއިން ބޭރުކުރުމަށް މަސައްކަތްކޮށްފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ޝިޔާމަށް އެކިވަރުގެ އަނިޔާވަނީ ލިބިފައެވެ.

މި ހާދިސާއަށް ފަހު ވާހަކަފުޅު ދައްކަވަމުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ މިރޭ ފެނިގެން ދިޔައީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖްލިސް ހިސޯރު ކުރިތަން ކަމަށާއި، މިއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ މަންޒަރެއް ނޫންކަމަށެވެ.

"މިތާގައި ނާފަރު ދާއިރާގެ މީހަކު ވަދެ އިނދެ، މާފުކުރައްވާ!، އިއްޒަތްތެރި މެމްބަރު ވަދެ އިނދެ، މުޅި މަޖްލިސް ހިސޯރު ކުރިތަން މިރޭ މި ފެނުނީ، އިނގޭތޯ، މިއީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ބަލައިގަނެވޭނެ މަންޒަރެއް ނޫން މިއީ، ރާއްޖޭގެ ރައްޔިތުންގެ މަޖްލިސް، ރައްޔިތުންގެ މަޖްލީހުގައި ރައްޔިތުންގެ ބަސް ބުނަންޖެހޭނީ، ރައްޔިތުން 65 މެމްބަރުންނަށް މި ތާގައި، އެމްޑީޕީއަށް ވޯޓު ދެއްވާފައި، 65 މެމްބަރުން މިތާ ވައްދާފައި ތިބޭ އިރުގައި، އިހުތިރާމު ކުރަން ޖެހޭނެ، ގަވާއިދަށް އިހުތިރާމު ކުރަންޖެހޭނެ، އެންމެ ދާއިރާއެއްގެ މެމްބަރަކަށް މިތަން ހިސޯރު ކުރެވިގެން ނުވާނެ އިނގޭތޯ، އެމަންޒަރު ފެނިގެން ދިޔައިމާ އަޅުގަނޑު މިތާގައި މިކުޅުނު ނާޗަ"

އިކުރާމް ވިދާޅުވިއެވެ.

އިކުރާމް ވިދާޅުވީ މީޑިއާއިން މި ވާހަކަ ގެންނާނެ ކަމަށާއި، ގެންނާނީ ޒިއްމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ.

"އަނެއްކާ އަނެއް މައްސަލައަކީ އިނގޭތޯ، އިއްޒަތްތރެރި ރައިސް މީޑިއާއިން މިކަވަރު ކުރާނެ އިގޭތޯ، މީޑިއާގެ އެޓެންޝަނަށް މި އަންނާނެ، މީޑިއާއިން މި މެމްބަރު ގެންގޮސް އިންޓަވިއުތައް ނަގާނެ މީޑިއާ ވަރަށް ޒިއްމާދާރުކަން ކުޑަގޮތެއްގައި މިއަމަލުތައް ހިންގާނީ، މިއީ އެއްގޮތަކަށްވެސް ބިނާކުރުވަނިވި، ޑިމްކޮރަސީގައި ކަން ހިނގަން ވާނެ ގޮތެއް ނޫން މީކީ، ބިނާކުރުވަނިވި ޑިމްކްރަސީއެއްގައި ކަންކަން ހިގަންވާނެ ގޮތަކީ މިކަން ކުށްވެރި ކުރައްވާފައި، އޭނާގެ އަގެއް ނެތްކަން ދައްކަން ޖެހެނީ، މިކަހަލަ ގޮތަކަށް މީޑިއާ ކަންތައް ނުކުރަވަންޏާ މި ގައުމެއް ރަނގަޅެއް ނުވާނެ"

އިކުރާމް ވިދާޅުވިއެވެ.

އިކުރާމް މިފަދައިން ވިދާޅުވި އިރު ރައްޔިތުންގެ މަޖްލިސްގެ ޖަލްސާ ތަކަކީ ލައިވްކޮށް ދައްކަމުންދާ ޖަލްސާތަކެވެ.