ސ. ހިތަދޫ ލިންކް ރޯޑްގައި ޖުމްހޫރީ ގުޅުމުން ރޭ ކެމްޕޭން ޖަގަހެއް ހުޅުވަން ރަސްމިއްޔާތެއް ބާއްވަން އުޅުމުން އެކަމަށް ހުރަސް އެޅުމުގެ ގޮތުން، އެ ޖަހަގަ ހުރި ސަރަހައްދުގައި ހަދާފައި ހުރި އެމްޑީޕީގެ ޖަގަހައަކުން ވަރަށް ބާރަށް ލަވަ ޖަހައި، ޖުމްހޫރީ އަށް ހުރަސް އަޅަން މަސައްކަތްކޮށްފި އެވެ.
ރޭ 9:00 ޖެހި އިރު ޖުމްހޫރީގެ ޖަހަގަ ހުޅުވައި ޖަލްސާ ފަށަން ހަމަޖެއްސި ނަމަވެސް އެމްޑީޕީން އަޑު ގަދަ ކުރުމާ ގުޅިގެން ޖަލްސާ ފެށުނީ 10:00 ޖަހައި ބޮޑުވި ފަހުންނެވެ.
އަދި ޖަލްސާ ފެށޭ ވަރުވީ ފުލުހުންނަށް ވެސް މިކަން އަންގައިގެން، ފުލުހުން ގޮސް ލަވަ ޖެހި އެމްޑީޕީ ޖަގަހާގައި ތިބި މީހުންނާ ވާހަކަ ދައްކައި އަޑު މަޑު ކުރަން އެނގުމާ ގުޅިގެންނެވެ.
އެހެން ނަމަވެސް ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށި އިރު ވެސް، އެމްޑީޕޫީ ޖަގަހައިން ގެންދިޔައީ ވަރަށް ބާރަށް ލަވަ ޖަހަމުންނެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން އަޑު ވަނީ ވަރަށް ބޮޑަށް މަޑުކޮށްލާފަ އެވެ.
ޖުމްހޫރީ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ހިތަދޫ އޮފިޝަލަކު ރޭ ވިދާޅުވީ އެމްޑީޕީން ރޭ އަޑު ގަދަ ކުރި ޖަގަހައަކީ މީގެ ކުރިން ލަވަ ޖަަހާ ތަނެއް ވެސް ނޫން ކަމަށެވެ.
އެހެން ނަމަވެސް ރޭ އެކަން ކުރީ ސީދާ ޖުމްހޫރީ ގުޅުމުގެ ޖަލްސާ އަށް ހުރަސް އަޅަން ކަަމަށް އޭނާ ވިދާޅުވި އެވެ.