Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

"އަހަރެން ބޭނުމީ އިންސާފު"

REUTERS/Lucas Jackson

ފުލުހެއްގެ ފައި ދަށުވެ، "އަހަރެންނަށް ނޭވާ ނުލެވޭ" ކަމަށް ބުނަމުން މަރުވެ ދިޔަ ޖޯޖު ފްލޮއިޑްގެ ދަރިފުޅުގެ މަންމަ އެކަމާއި ބެހޭ ގޮތުން ވާހަކަ ދައްކައިފިއެވެ.

ފްލޮއިޑްގެ 6 އަހަރުގެ އަންހެން ދަރިފުޅުގެ މަންމަ ރޮކްސީ ވޮޝިންގްޓަން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާ ބޭނުންވަނީ ޖޯޖު ފްލޮއިޑް މަރާލުމުގައި ޝާމިލުވި 4 ފުލުހުންވެސް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމަށެވެ.

"ދުވަސް ނިމުނު އިރު، އެމީހުންނަށް އެމީހުންގެ އާއިލާތަކަށް އަނބުރާ ގެއަށް ދެވުނު. (އެކަމަކު) ޖިއާނާގެ ބައްޕެއް (މިހާރު) ނެތް. އޭނާ (ޖޯޖު) އަށް ޖިއާނާ ބޮޑުވެ، ގްރެޖުއޭޓް ވާތަނެއްވެސް ނުފެންނާނެ. (ޖިއާނާ) މީހަކާ ކައިވެނި ކުރާ އިރު ގޮވައިގެންވެސް ނުދެވޭނެ."

މިނިއޭޕޮލިސްގެ ސިޓީ ހޯލް ތެރޭގައި ރޮކްސީ ވާހަކަ ދައްކަމުން ދިޔައިރު، ކުޑަކުޑަ ޖިއާނާ އޭނާގެ މަންމަގެ ގައިގައި އެލިގަނެގެން ހުއްޓެވެ.

"(ޖޯޖު) ޖިއާނާ ދެކެ ލޯބިވި، ވަރަށް ލޯބިވި" ރޮކްސީ އިތުރަށް ކިޔާ ދިނެވެ. "އަހަރެން މިތާ މިހިރީ އަހަރެންގެ ދަރިފުޅަށްޓަކާ. އަހަރެން މިތާ މިހިރީ ޖޯޖަށްޓަކާ، ޖޯޖަށް އިންސާފު ހޯދައިދޭން ބޭނުންވާތީ. ޖޯޖަށް އިންސާފު ބޭނުންވަނީ އޭނާ އަކީ ރަނގަޅު މީހަކަށް ވާތީ. ކޮންމެ މީހަކު ކޮންމެ ގޮތަކަށް ދެކުނަސް، އޭނާ އަކީ ރަނގަޅު މީހެއް."

25 މޭއި ވީ ދުވަހު ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖު ފްލޮއިޑް މަރާލީ ދޮން ނަސްލުގެ ފުލުހެކެވެ. އޭނާއަށް ފްރޯޑުގެ ތުހުމަތު ކުރުމަށްފަހު އެ ފުލުސް މީހާ ޖޯޖު ހައްޔަރު ކޮށް، އޭނާ ބިންމައްޗަށް ތިރި ކުރުމަށް ފަހު ޖޯޖުގެ ކަރަށް އޭނާގެ ކަކުލުން އަރައި ފިތާތަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ސާފުކޮށް ފެނިގެން ދެއެވެ.

ޖޯޖު އެހާލުގައި އޮވެ މަރުވެގެން ދިޔަ އިރު އޭނާގެ އެންމެ ފަހު ބަހަކީ "އަހަރެންނަަށް ނޭވާ ނުލެވޭ" އެވެ.