Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވަންޖެހޭ: ޝަރީފް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަގުތުން އިސްތިއުފާދެއްވުމަށް ރ. މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރ އާދަމް ޝަރީފު ގޮވާލައްވައިފިއެވެ.

ޓީވީ "ޗެނަލް 13"ގެ ޕްރޮގްރާމެއްގައި އަންގާރަ ދުވަހުގެރޭ ވާހަކަފުޅުދައްކަވަމުން، ކުރީން ޑިފެންސް މިނިސްޓަރކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި މުޙައްމަދު ނަޝީދު ހުންވާކަށް އެއްވެސް ގާނޫނީ ހައިސިއްޔަތެއް އޮތްކަމަކަށް ގަބޫލު ނުކުރައްވާކަމަށެވެ.

އާދަމްޝަރީފުގެ ވާހަކަފުޅުގައި ގާނޫނު އަސާސީގެ 105 މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ރައްކާތެރިކަމާ ހިމާޔަތްތެރިކަން، އަދި ސަލާމަތީ ބާރުތަކުން ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައި އޮންނަ މާއްދާއެއް އޮންނަކަމަށާއި ނަމަވެސް އެކަން ހޯމަދުވަހުގެ ރޭގެ ޖަލްސާގައި ހަމަޖައްސާފައިނެތުމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ތިންވަނަ މާއްދާގައި ބުނާ ރައްކާތެރިކަމާއި ކަރާމާތް ރައީސް ނަޝީދަށް ގާއިމުކޮށް ރައްކާތެރިކޮށްދެވިފައި ނެތުމާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާބެހޭ ގާނޫނުގެ ކަންތައްތައް ރައީސް ނަޝީދަށް ނަގަހައްޓަވައި ދެވިފައި ނުވުމާއެކު މަޖިލީހުގެ ކަރާމާތާއި މޫރިތިކަމާއި ރީތިކަން އަދި އެޗްޕީއޭގެއިން މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ނުރައްކަލުގެ ހާލަތާއި ގުޅިގެން ވެސް މަޖިލީހަށް ލިބިގެންދިޔަ ހަނިފުރުސަތުތަކުގެތެރޭގައި މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ ހުއްދަދިން އިރު އެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތާފައިނުވާކަން ފާހަގަކުރެއްވިއެވެ.

"މި ހުރިހާކަމަކާ ހުރެ ހަގީގަތުގައި ވެސް ރައީސް ނަޝީދު އެބަޖެހިވަޑައިގަންނަވާ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވަން." އާދަން ޝަރީފު ވިދާޅުވިއެވެ. "އަޅުގަނޑު ގޮވާލަން ރައީސް ނަޝީދު ވަގުތުން އިސްތިއުފާދެއްވުމަށް. އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންވާކަށް އެއްވެސް ގާނޫނީ ހައިސިއްޔަތެއް އޮތްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން."

މައްސަލައިގެ ފެށުން

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ޖޫން މަހުގެ ފުރަތަމަ ދުވަހުގެ (ހޯމަދުވަހުގެ) ރޭ މެންދަމު ބޭއްވި ޖަލްސާ ހިނގަމުން ދަނިކޮށް ނައިފަރު ދާއިރާގެ މެންބަރ އަދި ޕީޕީއެމްގެ ނައިބު ލީޑަރ އަޙުމަދު ޝިޔާމު ވަނީ ޖަލްސާ ހިނގަމުން ދަނީ ގަވައިދާ އެއްގޮތަށް ނޫންކަމަށް ވިދާޅުވެ މަޖިލީހުގައި އަޑުއުފުއްލަވާފައެވެ. އެހާހިސާބުން އޭނާ މަޖިލީހުގެ ތަޅުމުން ބޭރު ކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި ޝިޔާމު މަޖިލީހުން ނިކުމެވަޑައިނުގަތުމުން އެމްޑީޕީގެ މެންބަރުންނަށް ޝިޔާމު މަޖިލީހުން ނެރުއްވުމަށް ރައީސް އަމުރުކުރެއްވިއެވެ.
މެންބަރ ޝިޔާމު ގަދަކަމުން މަޖިލީހުން ނެރުއްވީ އެމްޑީޕީ މެންބަރުންނެވެ. އެހާދިސާގައި މާރާމާރީހިނގައި އެންމެ ބޮޑަށް ގެއްލުން ލިބިވަޑައިގަތީ ޝިޔާމަށެވެ.

"މަޖިލީހުގެ ޗެމްބަރ ތެރޭގައި އަދި ބޭރުގައި ވެސް އަޅުގަނޑުމެންނަށް ރައްކާތެރިކަމެއް ހިމާޔަތެއް އޮތްކަމަކަށް ގަނބޫލެއް ނުކުރެވޭ." އާދަމް ޝަރީފު ވިދާޅުވިއެވެ. "އެމަނިކުފާނަކީ ތަޅާކުދިންކޮޅެއް ގެންގުޅުއްވާ ބޭފުޅެއް. އެހެންވީމާ ދައުލަތުގެ ސަލާމާތީ ބާރުތަކަށް އަޅުގަނޑު ގޮވާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް."

މެންބަރުންގެ އެހީ ހޯދުމަކީ ކުށެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރަކު ގަވައިދާ ޚިލާފުވެގެން ނަންއިއްވައި މަޖިލީހުގެ ތަޅުމުން ބޭރުވާން މަޖިލީހުގެ ރައީސް އެންގެވުމުން އެ މެންބަރަކު ބޭރަށް ވަޑައިނުގަތަސް މަޖިލީހުގައި ދެންތިއްބަވާ މެންބަރުންގެ އެހީގައި އެ މެންބަރަކު މަޖިލީހުން ނެރުއްވުމަށް ގަވައިދާ ގާނޫނު ތަނެއް ނުދެއެވެ.

"މެންބަރަކު މަޖިލީހުގެ ތަޅުމުން ބޭރުކުރަން އެހެން މެންބަރުންގެ އެހީ ހޯދުމަކީ ކުށެއް." މަޖިލީހުގެ ނައިބު ރައީސްކަން ކުރީން ކުރައްވާފައިވާ މަޝްހޫރު ފިލްމު ސްޓާރ އަދި ވިޔަފާރިވެރިޔާ ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ. "މަޖިލީހުގެ ގަވައިދާ ޚިލާފުވި މެންބަރުގެ ނަންއިއްވުމުން އެމެންބަރަކު ޖަލްސާއިން ނިކުމެވަޑައިނުގެންފިނަމަ ޖެހޭނީ ޖަލްސާ މެދުކަނޑާލަން."

އެގޮތަށް މަޖިލީހުގެ ތަޅުމުން ބޭރަށް ވަޑައިނުގަންނަވާ ބޭފުޅުން ބޭރަށް ގެންދެވުމަކީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ވާޖިބެކެވެ. ނަމަވެސް މެންބަރ ޝިޔާމު މަޖިލީހުން ނެރުއްވުމަށް ރައީސް ނަޝީދު އަމުރުކުރެއްވީ މަޖިލީހުގެ މެންބަރުންނަށެވެ. އެއީ މަޖިލީހުގެ ގަވައިދާ ކަނޑައެޅިގެން ޚިލާފަށް ކުރެއްވި އަމުރުފުޅެކެވެ. އަދި މެންބަރ ޝިޔާމް ގަދަކަމަށް މަޖިލީހުން ބޭރުކުރެއްވި ކަންތައްތައް ސިފަކުރެވޭނީ މާރާމާރީއެއްގެ ގޮތުގައެވެ.

ގޯހީ ރިޔާސަތު

މަޖިލިސްގެ ބައެއް މެންބަރުންނާއި ޖަލްސާ ބެއްލެވި ކުރީގެ މެންބަރުން ވިދާޅުވި ގޮތުގައި ހޯމަދުވަހުގެ ރޭގެ ޖަލްސާގައި ހިނގައިދިޔަ ހުރިހާ ހަމަނުޖެހުމެއް ހިނގީ ރިޔާސަތުން ރައީސް ނަޝީދު ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ.

"މެންބަރ ޝިޔާމު ގަވައިދާ ޚިލާފުވެވަޑައިގަތުމުން މަޖިލީހުގެ ރައީސް ކޯފާއިސްކުރައްވައި ޝިޔާމު ތަޅުމުން ބޭރުކުރައްވަން އުޅުއްވީވެސް އޭނާއަށް ނަސޭހަތެއް އިންޒާރެއް ދެއްވުމެއްނެތި ގަވައިދާ ޚިލާފަށް." ކުރީދައުރުގެ މަޖިލިސް މެންބަރަކު ވިދާޅުވިއެވެ. "މެންބަރ ޝިޔާމު ތަޅުމުން ނެރުއްވުމަށް މެންބަރުންނަށް ދެންނެވުމަކީ ވަރަށް ބޮޑު ނުރައްކަލެއް. ނަސީބެއް އިދިކޮޅު މެންބަރުންގެ އަދަދު މަދުވިކަން. އެހެންނޫންނަމަ ލޭ އޮހޮރުވުމަކަށް ބަދަލަވެގެންދާނެ، އެރޭގެ ޖަލްސާ ދެފަރާތުން ތަޅައިފޮޅަން ފެށުމުން."

މައްސަލަ ވަރަށް ސާފު

ހޯމަ ދުވަހުގެ ރޭގެ ޖަލްސާގެ ކަންތައްތައް އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. މަޖިލީހުގެ ގަވައިދާ، މަޖިލީހުގެ ރައީސް ޚިލާފުވެވަޑައިގެންފިއެވެ. އެޗްޕީއޭގެ ޝަރުޠުތަކާއި މަޖިލީހުގެ ބައެއް މެންބަރުން ޅިލާފުވެވަޑައިގެންފިއެވެ. ހުރިހާ ކަމަކާ ޒިއްމާވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރ އާދަމް ޝަރީފު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރައީސް ނަޝީދު ޖެހިވަޑައިގަންނަވަނީ އިސްތިއުފާ ދެއްވާށެވެ. އެހެން ނޫންނަމަ މުސްތަގުބަލު އަދި މާހުތުރު ވާނެއެވެ.