Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

އަހަރެންގެ ބައްޕަ ދުނިޔެ ބަދަލު ކޮށްލައިފި: ފްލޮއިޑްގެ ދަރިފުޅު

Instagram

ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މިހާރު ކުރެވެމުންދާ ބްލެކްލައިވްސް މެޓަރ މުޒާހަރާތަކުގައި ޖޯޖު ފްލޮއިޑްގެ ދަރިފުޅު ބައިވެރި ވެއްޖެއެވެ.

އުމުރުން އެންމެ 6 އަހަރު ގެ ޖިއާނާ ފްލޮއިޑް ބައިވެރިވަފައިވާ މުޒާހަރާއަކީ އެމެރިކާގެ ފުލުހަކު އޭނާގެ ބައްޕަ ޖޯޖު ފްލޮއިޑްގެ ކަރަށް ކަކުލުން ބާރުކޮށް، މަރާ ލުމާއި ގުޅިގެން އެމެރިކާ، އަދި ދުނިޔޭގެ އެކި ޤައުމުތަކުގައި ހުއްޓުމެއް ނެތި ކުރަމުންދާ މުޒާހަރާތަކެކެވެ.

މި މުޒާހަރާގައި ޖިއާނާ ބައިވެރިވެ، "އަހަރެންގެ ބައްޕަ ދުނިޔެ ބަދަލު ކޮށްލައިފި" ކަމަށް ބުނާ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ކުޑަކުޑަ ޖިއާނާ މިހެން ބުނަނީ އޭނާގެ ބައްޕަގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ، ކުރީގެ އެންބީއޭ ކުޅުންތެރިޔާ ސްޓެފެން ޖެކްސަންގެ ކޮނޑުމަތީގައި ހުރެއެވެ.

ޖޯޖު ފްލޮއިޑް މަރާލަމުން ފުލުސް މީހާ އޭނާގެ ކަރަށް ކަކުލުން ބާރު ކުރަމުން ދިޔަ އިރު، ޖޯޖުގެ އެންމެ ފަހު ބަހަކަށްވީ، "އަހަރެންނަށް ނޭވާ ނުލެވޭ" އެވެ. މި ހާދިސާ ހިނގާ ދިޔަ އިރު، މަންޒަރު ބަލަން ތިބި މީހުން ދިޔައީ ޖޯޖަށް ނޭވާ ލެވޭނެ ހެން އޭނާ ދޫކޮށްލުމަށް އެދި އާދޭސް ކުރަމުންނެވެ.

މި މަންޒަރު ދައްކުވައިދޭ ވީޑިއޯ މީސްމީޑިއާގައި ވައިރަލް ވެގެން ދިޔުމާއެކު، އެމެރިކާ އާއި އެކި ޤައުމުތަކުގައި ކަޅު ނަސްލުގެ މީހުންނާއި ދެކޮޅަށް ކުރާ އަނިޔާތަކާއި، ތަފާތުކުރުން ހުއްޓާލުމަށް ގޮވާލައި ބޮޑެތި މުޒާހަރާތަކެއް ވަނީ ފެށިގެން ގޮސްފައެވެ.

އަދިވެސް ހުއްޓުމެއް ނެތި ކުރިއަށްދާ މި މުޒާހަރާތަކުން އެނގޭ ގޮތުގައި، ޖޯޖު ފްލޮއިޑް ވަނީ ހަމަ ހަޤީޤަތުގައިވެސް ދުނިޔެ ބަދަލުކޮށްލާފައެވެ.