ރާއްޖޭގައި ހުރި އެންމެ ނިކަމެތި ސްކޫލްތައް ހުރީ އައްޑޫގައި ކަމަށް ގައުމީ ޕާޓީގެ ނައިބް ރައީސް އިމާދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރޭ ޖުމްހޫރީ ގުޅުމުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވީ އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ.
ކުރިން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އިމާދު ވިދާޅުވީ ރާއްޖޭގެ އެންމެ ނިކަމެތި ސްކޫލްތައް އައްޑޫގައި ހުރިއިރު، އޭގެ ތެރެއިން ވެސް އެންމެ ނިކަމެތި ސްކޫލް ހުރީ މަރަދޫގައި ކަމަށެވެ.
"ދިވެހިރާއްޖޭގައި ހުރި އެންމެ ނިކަމެތި ސްކޫލްތައް ހުރީ އިމާރާތުގެ ގޮތުން ހުރީ މި އަތޮޅުގައި. އަޅުގަނޑު ވަރަށް ދެރަވޭ ލ. އަތޮޅު، ށ. އަތޮޅު، ބ. އަތޮޅު މިހިތަ އަތޮޅުތަކުގައި ހެދިފައި ހުރި ރީތި އިމާރާތްތަކާއި އެތަންތަނުގައި ހުރި ވަސީލަތްތައް ފެނުމުން އަޅުގަނޑު ވަރަށް ދެރަވޭ،" އިމާދު ވިދާޅުވި އެވެ. "މި ރާއްޖޭގައި ހުރި އެންމެ ނިކަމެތި ސްކޫލް ހުރީ އައްޑު އަތޮޅު މަރަދޫގައި. އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭ. އަޅުގަނޑުމެން ލަދު ގަންނަން ޖެހޭ. އަޅުގަނޑުމެން ލަދުވެތި ވާން ޖެހޭ އަމިއްލަ ނަފުސަށް. އަޅުގަނޑުމެންނަށް ކުރެވޭ ކަންތައްތަކާ ދޭތެރޭގައި."
އިމާދު ވިދާޅުވީ އައްޑޫގައި ސްކޫލްތައް މިއަދު ހުންނަން ޖެހޭނީ އެހާ ނިކަމެތި ހާލެއްގައި ނޫން ކަމަށެވެ.