Last Updated: May 13, 13:50
Tuesday, May 13, 2025
ޚަބަރު

ތިލަފުށީ ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުންގެ ބަންދަށް 7 ދުވަސް ޖަހައިފި

ތިލަފުށީގައި އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ބައިތިއްބާފައި ތިބި އިންޑިއާ މީހުންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުން ތަކެއް ހިނގާ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ޖުމްލަ 133 މީހަކު ވަނީ ގެނެސްފައެވެ. ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ބަންދަށް 7 ދުވަސް ޖަހާފައިވާ ކަމަށެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިކަން ހިނގަން މެދުވެރިވެފައިވަނީ އައިމާ ކޮންސްޓްރަކްޝަން އިން އެމީހުންނަށް މުސާރަ ދިނުން ލަސްވުމުގެ ސަބަބުންނެވެ.

މި ހަމަނުޖެހުން ތަކުގައި އެފަރާތްތަކުން އެތަނުގެ ގިނަ މުދަލަށް ގެއްލުން ދީފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

އެރަށުގައި މަސައްކަތް ކުރާ އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައެއް ފެންމަތިވެ، މީގެ ކުރިންވެސް އެރަށުގައި ހަމަނުޖެހުންތަކެއް ހިނގާފައި ވެއެވެ.