Last Updated: May 7, 21:23
Tuesday, May 7, 2024
ޚަބަރު

އެއިމްސްއަށް ހުއްދަ ނުދިނީ އެންޓިބޮޑީ ޓެސްޓު ހެދުމުގެ ބޭނުން ނެތުމުން: މަބްރޫކް

އެއިމްސް ޑައިގްނޯސްޓިކް ކެއަރ ގައި ކޯވިޑް-19 އެންޓި ބޮޑީ ޓެސްޓު ހެދުމުގެ ހުއްދަ ނުދިނީ އައްޑޫގައި މިވަގުތު އެ ޓެސްޓު ހެދުމުގެ ބޭނުމެއް ނެތުމުން ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

"އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައި މަބްރޫކް ވިދާޅުވީ އެއިމްސް އިން ހަދަން ބޭނުންވަނީ ކުއަންޓިޓޭޓިވް ސިރޮލޮޖީ ޓެސްޓެއް ކަމަށެވެ. ނަމަވެސް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، އަދި ރާއްޖޭގެ ޓެގް ޓީމުގެ ލަފައަކީވެސް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްކަން ނުވަތަ ނޫން ކަން ކަނޑައެޅުމަށް، ސިރޮލޮޖީ ޓެސްޓު އެކަނި ނުފުދޭނެ ކަމަށެވެ. އަދި ބަލި ހުރިތޯ ބެލުމަށް ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށެވެ.

އެގޮތުން، އެއިމްސްގައި މިހާރުވެސް ސީރޮލޮޖީ ޓެސްޓު ހަދަމުން އަންނަ ކަމަށާއި، މިހާރު ހުއްދައަށް އެދިފައިވަނީ ކޯވިޑް-19 ގެ ސީރޮލޮޖީ ޓެސްޓު ހެދުމަށްކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި އިތުރަށް ވިދާޅުވި ގޮތުގައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައިވެސް މި ސިރޮލޮޖީ ޓެސްޓު ހެދޭނެ މެޝިން އެބަހުރިއެވެ. ނަމަވެސް އައްޑޫ ގައި ނެތީ އެއަށް ބޭނުންވާ ކިޓް ކަމަށާއި، މި އެންޓި ބޮޑީ ޓެސްޓް ހަދަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ އެ ކިޓުތައް އައްޑުއަށް ފޮނުވަން ނަގާނީ އެންމެ ދުވަހެއް ކަމަށްވެސް މަބްރޫކް ހާމަކުރެއްވިއެވެ. އަދި އިތުރަށް ކެޕޭސިޓީ ބޭނުން ވެއްޖެ ނަމަ، އެއިމްސް އާއި ގުޅިގެންވެސް އެމަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް އެގޮތައް މަސައްކަތް ކުރުމުގެ ކުރިންވެސް ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ފުރަތަމަ ބަލަން ޖެހޭ އެތަނުގައި ހުރި ކިޓުތަކަކީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން އެޕްރޫވް ކޮށްފައިވާ ކިޓުތަކެއްތޯ ބަލައި ވެރިފައި ކުރަން"

މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ޑޮކްޓަރުންނާއި ހަވާލާދީ މަބްރޫކް އިތުރަށް ވިދާޅުވީ ކޯވިޑް-19 ބަލި ޖެހޭތާ 4-3 ދުވަސް ތެރޭ ހަށިގަނޑުގައި އެންޓި ބޮޑީ އުފެދެން ފަށާކަމަށެވެ. ނަމަވެސް، ލެއިން ނަގާ ސާމްޕަލަކުން ރަނގަޅަށް ޑިޓެކްޓް ކުރެވޭ ވަރަށް އެންޓި ބޮޑީ ފެންނާނީ 2 ހަފްތާ ވަރު ފަހުން ކަމަށެވެ.

މީގެ އިތުރުން، ކޯވިޑަށް ޓެސްޓު ކުރުމަށް ބޭނުން ކުރާ މެޝިންތަކާއި ބެހޭގޮތުން މަބްރޫކް ވިދާޅުވީ، ރާއްޖެއަށް ވަރަށް ގިނަ ޕީސީއާރު މެޝިންތަކާއި ޓެސްޓު ކިޓުތައް އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ސާމާނު މިހާތަނަށް ބޭނުން ކޮށްފައި ނުވާކަމަށެވެ. މިކަމުގެ ސަބަބެއް ކަމުގައި މަބްރޫކް ހާމަކުރެއްވީ، އެ ސާމާނުތަކަކީ ޕީސީއާރު ކަމުގައި ވިއަސް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން އެޕްރޫވްކޮށްފައިވާ ޕީސީއާރުގެ ވައްތަރުތަކަށް ނުވުމެވެ.

އެހެން ކަމުން އެއްވެސް ފަރާތަކުން ޕީސީއާރު މެޝިނެއް ގެންނަ ކަމުގައިވާނަމަ، އެ މެޝިނަކީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން އެޕްރޫވްކޮށްފައިވާ މެޝިނެއް ނަމަ، އެ މެޝިން ބޭނުން ކުރެވޭނެއެވެ. އެގޮތުން އޭޑީކޭ އިން ވެސް މަސައްކަތް ކުރި ގޮތަކީ ފުރަތަމަ ސަރުކާރަަށް އެކަން އަންގައި މެޝިނަކީ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން އެޕްރޫވް ކުރާ މެޝިނެއްތޯ ބަލަނީއެވެ. އެއަށްފަހު، މެޝިން އައުމުން ޓެގް ޓިމުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން އެ މެޝިން މަސައްކަތް ކުރަނީ ރަނގަޅަށްތޯ ބެލުމަށްފަހު، އެ މެޝިނެއް ބޭނުން ކުރުމުގެ ހުއްދަ ދެވޭނެއެވެ.

ނަމަވެސް މިގޮތަށް ކަން ކުރުމުގައިވެސް އެ މެޝިނަކީ ކޮމާޝަލް ނުވަތަ ވިޔަފާރީގެ ބޭނުމަށް ބޭނުން ކުރެވޭނެ މެޝިނެއް ނޫން ކަމުގައި މަބްރޫކް ވިދާޅުވިއެވެ. އެގޮތުން، އެމެޝިންތަކުން ހަމަ އެކަނި ހަދަން ވާނީ ނޭޝަނަލް އެމަޖެންސީ ރެސްޕޮންސް އިން އަންގާ ބައެއްގެ ޓެސްޓުތަކެކެވެ.

މިއާއެކު، މަބްރޫކްވަނީ އައްޑޫއާއި ށ. އަތޮޅު ރާއްޖޭގެ ޕީސީއާރު ޓެސްޓިންގ ހަބުތަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުވެސް ހާމަކުރައްވާފައެވެ.

"މިހާރު އެބަ މަަސައްކަތް ކުރެވޭ އައްޑޫގަ ކެޕޭސިޓީ ބިލްޑް ކުރަން، ހަމަ ޕީސީއާރު ޓެސްޓިންގ ހަބެއް ގޮތަށް. އެއީ ސަރުކާރުގެ އަސްލު ސްޓްރެޓަޖީއަކީ އައްޑުއަށް. ޕީސީއާރު ޓެސްޓު ގިނައިން، ރަނގަޅު އަދަދަށް ހެދޭ ވަރަށް ބިލްޑް ކުރަން މިހާރު އެބަ މަސައްކަތް ކުރޭ. މެޝީނަރީ ޕްރޮކްޔޯ ކުރުމާ އިތުރު ސްޓާފުން، ލެބް ޓެކްނޮލޮޖިސްޓުންނާ އެކީ ގެންނަން، މިހާރު ތަމްރީނުވެސް އެބަ ކުރިއަށް ދޭ. އައްޑޫވެސް ށ. ފުނަދޫގަ ކުރިއަށް ދާނެ. މިއާއެކު ޓެސްޓިންގ ކެޕޭސިޓީ ވަރަށް ބޮޑު ތަނުން އިތުރު ކުރެވިގެން ދާނެ."

ނަމަވެސް މިހާރުގެ ހާލަތު އޮތް ގޮތުން މިކަން ކުރެވޭނެ ދުވަހެއް ހާމަ ކުރަން ތަންކޮޅެއް ދަތި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އެއިމްސް އަށް ސިރޮލޮޖީ ޓެސްޓު ހެދުމަށް ހުއްދަ ނުދިނުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން މަބްރޫކް އިތުރަށް ވިދާޅުވީ، ސަރުކާރުން އެންމެ ފުރަތަމަ ވެސް ސީރޮލޮޖީ ޓެސްޓަށް ނުގޮސް ވަކި ވައްތަރެއްގެ ޕީސީއާރު ޓެސްޓު ހެދުމަށް ނިންމީ، ފޯލްސް ނެގެޓިވް އަދި ފޯލްސް ސެންސް އޮފް ސެކިއުރިޓީއެއް އުފެދުން ހުއްޓުވުމަށް ކަމަށެވެ.

އަދި އެއިމްސް އަށް މި ހުއްދަ މިވަގުތު ދެވެން ނެތީ، މިވަގުތު އެ ޓެސްޓު އައްޑޫގައި ހެދުމަށް ޓެގް ޓީމަށް ނުފެންނާތީ ކަމުގައެވެ. "އައްޑޫގަ ސިރޮލޮޖީ ޓެސްޓު ހެދުމަށް ބޭނުމެއް އޮތް ކަމަށް ޓޭގް ޓިމަށް ފެންނަ ހިސާބުން އެޗްޕީއޭއިން އެކަމަށް މަސައްކަތް ކުރާނެ އެކަން ކުރެވޭނެ ގޮތް ހޯދަން. އެއް ގޮތަކީ އެއިމްސް ބޭނުން ކުރަން ޔޫޒްފުލް ކަމުގަ ފެންނަންޔާ ހަމަ ކުރަންވީ." ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި ޕަބްލިކް ފަންޑުތައް ބޭނުންކޮށްގެން އެއިމްސްއަށް މި ޓެސްޓު ކުރުމުގެ ހުއްދަ ދިނުމާއި ބެހޭގޮތުން އާސަންދައާއި ވެސް ވަރަށް ބޮޑަށް ވާހަކަ ދެކެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް ޤައުމީ ސިޔާސަތުތަކަށް ބަލާއިރު، މިގޮތަށް ތަނެއްގައި ޓެސްޓު ހެދުމަކީ ޤައުމީ ސިޔާސަތުތަކަށް ގެއްލުން ވެދާނެ ކަމެއް ކަމަށް މަބްރޫކް ހާމަކުރެއްވިއެވެ. އަދި މި ޓެސްޓު ކޮންމެހެން ހަދަން ޖެހިއްޖެ ނަމަ އައްޑޫގައި މިހާރުވެސް އެޓެސްޓު ހެދުމުގެ ކެޕޭސިޓީވެސް އެބަހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ހާލަތަކަށް ގޮއްސިނަމަ، އެއިމްސްގެ އެހީތެރިކަން ވެސް މިކަމުގައި ބޭނުން ކުރެވޭނެ ކަމަށާއި، މިހާރު އަނގަ ބަހުން ހުއްދަ ނުދިނުމަކީ އެއްވެސް އިރެއްގަ ހުއްދަ ނުދޭނެ އެކޭ ނޫން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި މިހާރު ހުއްދަ ނުދިނުމަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕަކަށް ދެކޮޅުވަނީ ނޫން ކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެއިމްސް ޑައިގްނޯސްޓިކް ކެއަރ ގެ މެނޭޖިންގ ޑިރެކްޓަރ އަލީ އިހުސާން ވިދާޅުވީ، އެ ކްލިނިކުން ކޯވިޑް-19 އަށް ޓެސްޓު ކުރެވޭ ވަސީލަތްތައް ހޯދަމުން ދިޔަ އިރު، އެންމެ ފުރަތަމަ ލިބުނީ ސީރޮލޮޖީ ޓެސްޓަށް ބޭނުންވާ ސާމާނު ކަމަށެވެ. އެހެން ކަމުން މިކަމަކީ އައްޑޫގައި ޓެސްޓު ކުރުމުގެ ވަސީލަތެއް ނެތް ތަނުގައި އައްޑޫގެ ރައްޔިތުންނަށް ކޮންމެވެސް މަގެއް ހޯދައި ދިނުމަށް ކުރެއްވި މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ކުންފުނީގެ މެނޭޖްމެންޓާއި ގިނަ މުވައްޒަފުންގެ އާއިލާއަކީވެސް އައްޑޫގެ އާއިލާތަކަަށް ވުމުން އައްޑޫއަށް ކޮށްދޭ ކަމެއްގެ ގޮތުގައި މިކަން ކުރީ. އަދި އަޅުގަނޑުމެން ދިޔައީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ޕީސީއާރު މެޝިނެއްވެސް ހޯދުމުގެ މަސައްކަތް ކުރަމުން. ކަން ދިމާކުރިގޮތުން އަޅުގަނޑުމެންނަށް ފުރަތަމަ ލިބުނީ ސިރޮލޮޖީ ސާމާނު. އެހެންކަމުން އަވަހަށް އެކަން ހަމަޖެއްސޭތޯ ބެލީ. އައްޑޫގެ އެހެން ސިއްޙީ ޚިދުމަތް ދޭ ތަންތަނުގައި ކެޕޭސިޓީ ހުރި ނަމަވެސް، ހަޤީޤަތަކީ އައްޑޫގައި މިވަގުތުން ވަގުތަށް ކޯވިޑް-19ގެ ސިރޮލޮޖީ ޓެސްޓު ހެދުމަށް ހުރިހާ ސާމާނެއް ފުރިހަމަ ވެފައި ހުރީ އެއިމްސްގައި އެކަނި ކަން."

އަލީ އިހުސާން ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދައުލަތުން ވަނީ 800 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައެވެ. މީގެ ތެރެއިން ބޮޑު އަދަދެއް ހޭދަކޮށްފައިވަނީ ސިއްހީ ފަރުވާދޭ ސާމާން ހޯދުމަށެވެ. އެގޮތުން ވެންޓިލޭޓަރު ތަކާއި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންވާ ސާމާން ހިމެނެއެވެ. ސަރުކާރުން މިހާތަނަށް ކުރެވުނު މަސައްކަތުން ކޮވިޑް-19ގެ ޓެސްޓު ހެދެނީ މާލޭގައެވެ. އައިޖީއެމްއެޗް ހޮސްޕިޓަލާއި، ސެނެހިޔާ އަދި ޕޮލިސް ލެބުގެ އިތުރުން އަމިއްލަ ހޮސްޕިޓަލްކަމަށްވާ އޭޑީކޭގައެވެ.

ރާއްޖޭގެ އެކި ސަރަހައްދުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ގެންދަނީ ބޮޑު ހޭދައެއްކޮށް މާލެއަށެވެ. މިކަމަށް ފްލައިޓު ޗާޓަރު ކުރަމުން އަންނަ އިރު ހުރިހާ ހަރަދަކީ އެންއޯއީސީގެ ބަޖެޓުން ކުރަމުން އަންނަ ހަރަދެވެ.