Last Updated: June 9, 14:14
Tuesday, June 9, 2026
ވިޔަފާރި

މަރަދޫ މަސް ފެކްޓްރީ އާރްއޭއެފަށް!

ހިތަދޫ އާރްއޭއެފްގެ ސަަރަހައްދެއް: މި ސަރަހައްދުން މަސް ފެކްޓްރީ ހަދަން 50،000 އަކަފޫޓް ދީފައިވޭ. ފޮޓޯ/ އައްޑޫ ލައިވް

މަސް ކައްކައި ޖަޕާނަށް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސ. މަރަދޫ ޖެނިކް މާކެޓިންގެ މަސް ފެކްޓްރީ ގާއިމު ކުރަން ހިތަދޫ އާރްއޭއެފް ސަރަހައްދުން ލިބިފައިވާ ބިމުގައި މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ފެކްޓްރީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މަރަދޫ ވިނަމާ އާރިފް މިއަދު ބުނީ އާރްއޭއެފުން ކުއްޔަށް ލިބުނު 50،000 އަކަ ފޫޓްގައި އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން ފޭދޫ ޓްވިގް ކޮންސްޓްރަަކްޝަނާ ހަވާލުކޮށްގެން އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އާރިފް ވިދާޅުވި އެވެ.

"މިހާރު އެ ދަނީ ބިމުގެ ވަށައިގެން ފާރު ރާނައި އެހެން މަސައްކަތްތައް ވެސް ކުރަމުން. މިއީ ފުދޭ ވަރެއްގެ ބޮޑު ޕްރިޖެކްޓަކަށްވުމާ އެކު އަޅުގަނޑުމެން މި ބަލަނީ މި އަހަރު ނިމެންވާ އިރަށް މަރަދޫގައި ހުރި ފެކްޓްރީގެ މަސައްކަތް އާ ތަނަށް ބަދަލު ކުރެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އާރިފާއި އޭނާގެ ބޭބެ ގުޅިގެން 2008 ގައި ޖެނިކް މާކެޓިންގެ ނަމުގައި ފެށި މަސް އެކްސްޕޯޓް ކުރުމުގެ ވިޔަފާރިއަކީ މިހާރު އާއިލީ މަސައްކަތެކެވެ. އާއިލާގެ ގިނަ ބަޔަކު މި މަސައްކަތުގައި ހިއްސާވާ ކަމަށް އާރިފް ވިދާޅުވި އެވެ.

ޖަޕާނުގެ މާކެޓުގައި ގަބޫލް ކުރާ ފެންވަރަށް އެތަނުގައި މަސް ކައްކައި ހިއްކައި، އެ ގައުމަށް ބޭރު ކުރަމުންދާ އިރު މިއީ ވަރަށް ބޮޑަށް ހުރިހާ ކަމަކަށް ވެސް ބެލެވިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އާރިފް ވިދާޅުވި އެވެ.