Last Updated: April 18, 22:36
Friday, April 19, 2024
ދުނިޔެ

24 ގަޑިއިރުތެރޭގައި ކަޝްމީރުގެ 15 މީހުން ޝަހީދުކޮށްލައިފި

އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭގައި އިންޑިއާ ސިފައިންގެ ހަމަލާތަކުގައި ކަޝްމީރުގެ 15 މީހުން ޝަހީދުވެއްޖެއެވެ.

އިންޑިއާ ސިފައިން ބުނި ގޮތުގައި އެ 15 މީހުން ދުނިޔެ ދޫކުރަން ޖެހުނީ ކަޝްމީރު މިނިވަން ކުރުމަށް މަސައްކަތްކުރާ މީހުންނާ އިންޑިއާ ސިފައިންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކެއްގައެވެ.

އިންޑިއާ ސިފައިންގެ ހަމަލާތަކެއްގައި ކަޝްމީރުގެ ބަޔަކު ޝަހީދުވުމާ ގުޅިގެން ޕާކިސްތާނުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ވާހަކަދައްކާފައެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ މުޅި ދުނިޔެއިން ކޮރޯނާވައިރަހުން ސަލާމަތްވާން މަސައްކަތް ކުރަމުންދާއިރު އިންޑިއާއިން ގެންދަނީ ކަޝްމީރުގެ އާންމު ރައްޔިތުންނަށް އަނިޔާކޮށް ޝަހީދު ކުރަމުން ކަމަށެވެ. އަދި އެންމެ ދުވަހެއްގެ ތެރޭގައި އެހާ ގިނަ ބަޔަކު ގަތުލު ކުރުމަކީ އިންޑިއާ ސިފައިން އިންސާނިއްޔަތާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ދުނިޔެއަށް ސާބިތުވެގެންދާ ކަމެއްކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އަދި އިންޑިއާގެ އަތްދަށުން ކަޝްމީރު މިނިވަންވުމަށް ކުރަމުންދާ މަސައްކަތް އިންޑިއާގެ އަނިޔާވެރިކަމުން އޮއްބާނުލެވޭނޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކަޝްމީރަށް އިންޑިއާގެ ގާނޫނުއަސާސީން ލިބިދީފައިވާ ޚާއްޞަ އިމްތިޔާޒުތައް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެތެރޭގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ ނިގުޅައިގެންފައެވެ. އަދި ކަޝްމީރު އިތުރަށް އަޅުވެތިކޮށް ކަޝްމީރުގެ މުސްލިމުންނަށް ލިބިފައިވާ އަޣުލަބިއްޔަތު ނައްތާލަން ދަނީ މަސައްކަތް ކުރަމުންނެވެ.