Last Updated: March 28, 17:47
Thursday, March 28, 2024
ދުނިޔެ

ފްލޮއިޑްގެ މަރު: ކެނެޑާގެ ބޮޑުވަޒީރު މުޒާހަރާގައި ބައިވެރިވެވަޑައިގެންފި

ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ކެނެޑާގައި ބޭއްވި މުޒާހަރާއެއްގައި ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޫ ބައިވެރިވެވަޑައިގެންފިއެވެ.

މުޒާހަރާގެ ބައިވެރިން ޝުޢޫރުތައް ފައުޅުކުރަމުން ހިނގާފައި ދަނިކޮށް ކުއްލިއަކަށް ބޮޑުވަޒީރުވެސް އެތަނަށް ވަޑައިގެން ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އަދި އޭނާ މުޒާހަރާގެ ބައިވެރިންނާއެކު ތިން ފަހަރެއްގެ މަތީން ކަކޫ ބިންމަތީގައި ވިއްދަވައި އިހުތިރާމު އަދާކުރެއްވިއެވެ.

ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ކެނެޑާގައި ބޭއްވި ހިނގާލުމުގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ހުންނެވީ ކަޅު މާސްކެއް އަޅުއްވައިގެން ހުދު ގަމީހެއް ތުރުކުރައްވައިގެންނެވެ.

ބޮޑު ވަޒީރު ޓްރޫޑޯ އެ އެއްވުމުގައި ވާހަކަފުޅެއް ނުދައްކަވައެވެ. އެ އެއްވުމަށް ފަހު ބައިވެރިން އެމެރިކާގެ އެމްބަސީއާ ދިމާއަށް ދާން ފެށުމުން ބޮޑުވަޒީރު އެތަނުން އެނބުރިވަޑައިގެންނެވިއެވެ.

އެމެރިކާގެ ދޮން ފުލުހެއްގެ އަތުން ކަޅު ނަސްލުގެ ޖޯޖް ފްލައިޑް މަރުވުމާގުޅިގެން އެމެރިކާގެ އިތުރަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ދަނީ މުޒާހަރާތައްކޮށް އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ކެނެޑާއަކީ ވެސް އޭގެތެރެއިން އެއްގައުމެވެ. ކެނެޑާގެ އެތައް ސްޓޭޓެއްގައި އެކަމާ ދެކޮޅަށް ވަނީ މުޒާހަރާކޮށްފައެވެ. ދާދިފަހުން ކެނެޑާގައި ވެސް ވަނީ ފުލުހުންގެ މީހަކު ދިން ބަޑީގެ ހަމަލާއެއްގައި އަންހެނަކު މަރުވެފައެވެ.