Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

ލޮކްޑައުންކޮށްގެން ތިބުމަކީ ފަގީރުންނަށް ވަރަށް ގެއްލުން ބޮޑު ކަމެއް

ފުރަބަންދު ގައުމަށް ބަރުދާސްތު ނުކުރެވޭނެކަމުގައި ޕާކިސްތާންގެ ބޮޑުވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ.

"ފުރަބަންދަކާ ދިމާއަށް އަޅުގަނޑުމެންނަށް އެނބުރި ނުދެވޭނެ. ކޮރޯނާވައިރަސް ފެތުރުން ނުހުއްޓުވޭނެ. ކޮރޯނާވައިރަސް ފެތުރެމުން ދާނެ." ޢިމްރާން ވިދާޅުވިއެވެ.

ކޮރޯނާވައިރަސްގެ ކަންތަކާ ގުޅޭ ގޮތުން ޢިމްރާން އުފައްދަވާފައިވާ "ޓައިގަރ ފޯސް"ގެ މެންބަރުންނާ ވާހަކަފުޅު ދައްކަވަމުން ޢިމްރާން ވިދާޅުވީ ވަރަށް ގިނަ ބަޔަކު ބޭނުން ވަނީ ހަރުކަށި ފުރަބަންދެއް ކުރުމަށްކަމަށެވެ. އެކަމަކު އެ ވާހަކަ ދައްކާ މީހުންނަށް ކޮރޯނާވައިރަސް ފުޅާދާއިރާއެއްގައި ފެތުރެމުންދާ ގައުމުތަކުގައިވެސް ފުރަބަންދަށް ލުއިދެމުންދާކަން ނޭނގޭކަމުގައި ޢިމްރާން ވިދާޅުވިއެވެ.

"ކޮރޯނާވައިރަސް މާބާރަށް ފެތުރެމުންދާ ރަށްރަށް ބަންދުކުރަންޖެހިދާނެ." އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން މިއުޅެނީ ސްމާޓު ފުރަބަންދެއްގައި. ދުނިޔެވެސް ގަބޫލު ކުރަނީ ސްމާޓު ފުރަބަންދު މާ މޮޅުކަމަށް."

"ޓައިގަރ ފޯސް"ގެ މަސައްކަތްތަކުގެތެރޭގައި ކޮރޯނާވައިރަސްއަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި ރައްޔިތުންނަށާއި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން ހިމެނެއެވެ.

ރޯދަމަހު ޕާކިސްތާނުގެ މިސްކިތްތަކުގައި ނާމަދުކަން ދިޔަ މީސްމީހުންނަށް ސަފުހަދާނެ ރައްކައުތެރިގޮތްތައް ކިޔައިދީ ގަވައިދާ އެއްގޮތަށް މީސްމީހުން ޢަމަލުކުރަމުންދޭތޯ "ޓައިގަރ ފޯސް"އިން ބަލަމުންދިޔައެވެ.

ބޮޑުވަޒީރު ޢިމްރާން ވިދާޅުވިގޮތުގައި އިޖުތިމާއީ ދުރުމިން ބަހައްޓައިގެން ސަލާމަތާއި ރައްކައުތެރިކަމަށް ވިސްނައިގެން ސަފުހަދައި މިސްކިތްތަކުގައި ނަމާދު ކުރުމަކީ މުހިއްމުކަމެކެވެ.

"ނަމާދަށް ދިޔަ މީހުން ކަންތައް ކުރީ އެގޮތަށް. އެހެންވެ ނުރައްކަލަކާ ކުރިމަތިލާކަށް ނުޖެހުނު." ޢިމްރާން ވިދާޅުވިއެވެ. "ފުރަބަންދަށް ލުއިދިނުމުން ބަލި ފެތުރެން މަގު ފަހިވާނެކަން އަޅުގަނޑުމެންނަށް އެނގޭ. ހަމައެއާއެކު ބަލިން ރައްކައުތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެ ރައްޔިތެއްގެ ފަރުދީ ވާޖިބެއް."

ޢިމްރާން ވިދާޅުވިގޮތުގައި ގައުމު ފުރަބަންދުކޮށްގެން ތިބުމަކީ ފަގީރުންނަށް ވަރަށް ގެއްލުން ބޮޑު ކަމެކެވެ.
ފުރަބަންދުކޮށްގެން ތިބުމުން އެހެން ގައުމުތައްވެސް އިތުރަށް ހަލާކުވެގެންދިޔަކަމަށާއި ފަގީރުކަން އިތުރުވެގެންދިޔަކަމަށާއި ނިކަމެތީންނަށް އިތުރު ދުއްތުރާތައް ކުރިމަތިވިކަމުގައި ޢިމްރާން ވިދާޅުވިއެވެ.