Last Updated: April 26, 20:24
Friday, April 26, 2024
ދުނިޔެ

އަތް ދޮންނަ މެޝިނެއް ހެދި ކުއްޖަކަށް ކެންޔާގެ ރައީސްގެ އިނާމު ލިބިއްޖެ

ވަކަރުން އަތް ދޮންނަ މެޝިނެއް ހެދި ކެންޔާ ކުއްޖަކަށް އެޤައުމުގެ ރައީސުގެ އިނާމު ލިބިއްޖެއެވެ.

އުމުރުން 9 އަހަރުގެ ސްޓެފެން ވަމުކޮޓާ މި އަތް ދޮންނަ މެޝިން ހަދާފައިވަނީ އެޤައުމުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށެވެ. އެގޮތުން އޭނާ ހަދާފައި ވަނީ ސެމީ އޮޓޮމެޓިކް ދޮންނަ މެޝިނެކެވެ.

އޭނާގެ ބައްޕަ ބުނާ ގޮތުން ސްޓެފެން މި މެޝިން ހެދީ ކޯވިޑް-19 އިން ރައްކާތެރި ވެގެން ތިބުމަށް ކުރެވިދާނެ ކަންކަމާ ބެހޭ މައުލޫމާތު ޓީވީ އިން ބެލުމަށް ފަހު އެވެ.

"މި ޤައުމުގައި ކޯވިޑް-19 ފެތުރޭ ކަމުގެ ޚަބަރު ރައީސް ދެއްވި އިރު ވިދާޅުވި ވައިރަސް އިން ސަލާމަތްވުމަށް އެންމެން އަތް ދޮންނަން ޖެހޭނެ ކަމަށް. އޭރު އަޅުގަނޑުގެ ދަރިފުޅު ބުނި އަތް ދޮވުމުގެ ކަންކަންް ފަސޭހަ ކުރުމަށް މެޝިނެއް ހެދޭނެ ގޮތް ވިސްނިއްޖެ ކަމަށް." ސްޓެފެންގެ ބައްޕަ ކިޔާ ދިނެވެ.

ސްޓެފެން މި މެޝިން ހެދީ އޭނާގެ ބައްޕަ ކުޑަ ދޮރެއް ހަދަން ވެގެން ބަހައްޓާފައި ހުރި ބާކީ ވަކަރު ކޮޅަކާއި، ފެން ޓޭންކަކާއި މޮހޮރު ކޮޅެއް ބޭނުން ކޮށްގެންނެވެ. އަދި މެޝިން ހަދާފައިވަނީ ފައިން ބޭނުން ކުރާ ދެ ޕެޑަލް ހުންނަ ގޮތަށެވެ. އެއް ޕެޑަލުން ފެން ދޫކުރާއިރު، އަނެއް ޕެޑަލުން ދޫކުރަނީ ސައިބޯންޏެވެ.

ސްޓެފެންގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅަށް މިފަދަ މެޝިނެއް ހެދުމަށް މަގުފަހިވީ ކެންޔާގެ ސްކޫލް ކަރިކިއުލަމްގެ ތެރެއިން ކުދިންނަށް ތަކެތި އުފެއްދުމަށް ދަސްކޮށްދިނުމުގެ ބައި ހިމެނިފައިވާތީ ކަމަށެވެ.

ސްޓެފެން އަކީ އެޤައުމުގެ ރައީސް އުހުޓު ކެންޔައްޓާގެ އިނާމު ލިބުނު 68 މީހުންގެ ތެރެއިން އެންމެ ހަނގު ކުއްޖާއެވެ.