Last Updated: April 23, 21:11
Tuesday, April 23, 2024
ދުނިޔެ

އިންޑިއާގެ މަހާރަޝްތްރާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ޗައިނާ އަށްވުރެ މައްޗަށް

Francis Mascarenhas/Reuters

އިންޑިއާގެ މަހަރާޝްތްރާ ސްޓޭޓްގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ޗައިނާއަށް ވުރެ މައްޗަށް ގޮސްފިއެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތައް ހުޅުވުމުގެ މަސައްކަތް ކުރެވެމުންދާއިރު، މަހަރާޝްތްރާގެ ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ދަނީ މަތި ވަމުންނެވެ. އެގޮތުން މިހާތަނަށް އައިއިރު އެ ސްޓޭޓުން އެކަނިވެސް 85،975 މީހުންނަށް މި ބަލި ޖެހި، 3000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

އެގޮތުން މިހާ ތަނަށް ޗައިނާގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު އުޅެނީ 84،191 ގައެވެ. ނަމަވެސް އެ ޤައުމުން މި ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު ވަނީ 4638 އަށް އަރާފައެވެ.

މަހާރަޝްތްރާގެ ވެރިރަށް މުމްބާއީ އަކީ މި ބަލީގެ ނުރައްކާ އިންޑިއާގައި އެންމެ ބޮޑުވެފައިވާ ސިޓީއެވެ. އެގޮތުން މިހާތަނަށް މުމްބާއީ އިން 48,549 މީހުންނަށް ވަނީ ކޯވިޑް-19 ޖެހިފައެވެ. މިއީ މުޅި އިންޑިއާ އިން ފެނިފައިވާ ކޭސްތަކުގެ ފަސް ބައި ކުޅަ އެއްބައެވެ. އަދި މި ސިޓީ އިން މިހާތަނަށް 1636 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ކޮވިޑްގެ ނުރައްކާ އިންޑިއާގައި ބޮޑުވަމުން އަންނައިރު އެއް ދުވަހެއްގައި އެންމެ ގިނަ ކޯވިޑް-19 ކޭސް ފެނިފައިވަނީ މިއަދުއެވެ. އެގޮތުން މިއަދު ފެނުނު 8883 ކޭހާއެކު އިންޑިއާ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 256,611 އަށް އަރާފައެވެ.