Last Updated: April 23, 12:16
Tuesday, April 23, 2024
ދުނިޔެ

މީހުންގެ ކަރުގައި ހިފައި ހައްޔަރުކުރުން ފްރާންސްގެ ފުލުހުންނަށް މަނާކުރަނީ

(Isa Harsin/Pool Photo via AP)

މީހުންގެ ކަރުގައި ހިފައިގެން ހައްޔަރު ކުރުމާއި، އެއްވެސް ހާލަތެއްގައި މީހަކު މަތަ ކުރުމަށް ކަރުގައި ހިފުން ފްރާންސްގެ ފުލުހުންނަށް މަނާ ކުރުމަށް ނިންމަައިފިއެވެ.

އެޤައުމުގެ ސަރުކާރުން މިގޮތަށް ނިންމާފައިވަނީ ފްރާންސާއި އެނޫންވެސް އެކިއެކި ޤައުމުތަކުގައި ނަސްލީ ތަފާތު ކުރުމާއި، ފުލުހުންގެ އަނިޔާވެރިކަމާއި ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ހިނގުމަށް ފަހުއެވެ.

ފްރާންސްގެ އިންޓީރިއަރ މިނިސްޓަރ ކްރިސްޓޮފް ކެސްޓެނަރ ވިދާޅުވީ މީހަކު ބިން މައްޗަށް ވައްޓާލައިގެން އޭނާގެ ކަރަށް ބާރު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ފުލުހުން ތަމްރީނު ކުރުމުގައި މިގޮތް އިތުރަށް ދަސްކޮށް ދެވިގެން ނުދާނެ ކަމަށެވެ.

"އަހަރެންނަށް ފާޑު ކިޔުންތައް އަޑު އިވޭ، އަހަރެންނަށް އަޑު އިވެނީ ނަފްރަތާއި ދެކޮޅަށް ކުރާ އާދޭހެއް" ފްރާންސްގެ އެންމެ ބޮޑެތި ސިޓީތަކުގައި ކުރިއަށް ދިޔަ ބްލެކް ލައިވްސް މެޓާ މުޒާހަރާތަކަށް ރިއާޔަތް ކޮށް އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، "ނަސްލީ ތަފާތު ކުރުން ތަކަށް މި ޤައުމުގައި ޖާގައެއް ނެތް" އެވެ.

އެމެރިކާގެ މިނިއޭޕޮޮލިސްގެ ފުލުހުން ޖޯޖު ފްލޮއިޑް މަރާލުމާއި ގުޅިގެން މުޅި ދުނިޔޭގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ފްރާންސުގައި ކުރިއަށްދާ މި މުޒާހަރާގެ ތެރެއިން ވަނީ އެޑަމާ ޓްރައޯރެ އަށް އިންސާފު ހޯދައި ދިނުމަށްވެސް ގޮވާލާފައެވެ. އޭނާއަކީ މީގެ ހަތަރު އަހަރު ކުރިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރާލެވުނު މީހެކެވެ. އޭނާ ހައްޔަރު ކުރެވުނީ ކާކު ކަން ބަލަން އުޅުމުން ފިލުމުންނެވެ. މިހާދިސާ ހިނގީ ޕެރިސްގެ ބޭރުންނެވެ.

ކަޅު ނަސްލަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އެޑަމާ މަރުވި އިރު، އޭނާގެ ވެސް އެންމެ ފަހު ބަހަކީ ޖޯޖު ފްލޮއިޑްގެ ވެސް ފަހު ބަސްތައް ކަމަށްވާ "އަހަރެންނަށް ނޭވާ ނުލެވޭ" އެވެ.