ނޮވެމްބަރ މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރިޕަބްލިކަން ޕާޓީގެ އިސް ބައެއް ބޭފުޅުންކަމުގައިވާ ކުރީގެ ރައީސް ޖޯޖް ބުޝްއާއި ކުރީގެ ޚާރިޖީ ވަޒީރު ކޮލިން ޕަވަލްއާއި ސެނެޓަރ މިޓް ރޮމްނީ ވޯޓު ނުދެއްވާނެކަމުގައި ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ޕަވަލް ސިފަކުރެއްވި ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕަކީ ފައްކާ ދޮގުވެރިއެކެވެ. ޕަވަލް ވިދާޅުވިގޮތުގައި އަމިއްލަފުޅު ޕާޓީގެ ކެންޑިޑޭޓު ޓްރަމްޕަށް ވޯޓުނުދެއްވައި ވޯޓުދެއްވާނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑަންއަށެވެ. އޮބާމާއާއި ޖޯން މެކޭން ރައީސް ކަމަށް ވާދަކުރެއްވިއިރު ޕަވަލް ވޯޓުދެއްވީ އޮބާމާއަށެވެ.
ބުޝްއާއި ޕަވަލްއަކީ ރައީސް ޓްރަމްޕުގެ ބައެއް ސިޔާސަތުތަކާ ވަރަށް ދެކޮޅު ބޭފުޅުންނެވެ. އެގޮތުން މުޒާހަރާކުރާ މީހުން މައިތިރިކުރުމަށް ވޮޝިންޓަނަށް ސިފައިން ގެންނަން ޓްރަމްޕު އެޅުއްވި ފިޔަވަޅުތަކާ އެދެބޭފުން ވަރަށް ދެކޮޅު ހެއްދެވިއެވެ. މުޒާހަރާތައް ހުއްޓުވުމަށް ސިފައިން ބޭނުންކުރުމާ އެމެރިކާގެ ވަރަށް ގިނަ ބަޔަކު ވަނީ ދެކޮޅުހަދާފައެވެ.
ރައީސް ޓްރަމްޕް ޕާޓީގެ ސެނެޓަރއެއްކަމުގައިވާ މިޓް ރޮމްނީ ވެސް ވަނީ ޓްރަމްޕަށް ރިޔާސީ އިންތިޚާބުގައި ވޯޓުނުދެއްވާނޭކަމުގައި ވިދާޅުވެފައެވެ.
ކޮރޯނާވައިރަސް އެމެރިކާގައި ފެތުރެން ފެށުމުން ރައީސް ޓްރަމްޕް ގެންގުޅުއްވި ދޯދިޔާ ސިޔާސަތާމެދު އެމެރިކާގެ ވަރަށް ގިނަ ބަޔަކު ނުރުހި ފާޑުކިޔަމުން ދަނިކޮށް އެމެރިކާގައި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ރައްޔިތުން ފަށައިގެން އުޅޭ މުޒާހަރާތައް ފުނޑާލުމަށް ޓްރަމް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުގެ ސަބަބުން އޭނާގެ މަގުބޫލުކަން ވަނީ ކުޑަވާންފަށާފައެވެ.
އެމެރިކާ ވަރުގަދަ ގައުމަކަށް ހައްދަވާނޭކަމުގެ ބޮޑު ވައުދަކާއެކު ވެރިކަމަށް ވަޑައިގެންނެވި ޓްރަމްޕުގެ ބައެއް ސިޔާސަތުގެ ސަބަބުން އެމެރިކާގެ އަގުވެއްޓި އެގައުމަށް މީހުން ކުރާ އިތުބާރުވަނީ ގެއްލެންފަށާފައެވެ.