Last Updated: April 24, 17:25
Wednesday, April 24, 2024
ދުނިޔެ

ކޮރޯނާވައިރަސް ފެތުރެނީ މިސްކިތްތަކުން ނޫން: ޢިމްރާން

ކޮރޯނާވައިރަސް ފެތުރެނީ މިސްކިތްތަކުން ނޫންކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ރޯދަމަހުގެތެރޭގައި މިސްކިތްތައް ނަމާދުކުރެވޭ ގޮތަށް ހުޅުވާފައި ހުރުމުން އިދިކޮޅުފަރާތްތަކުން އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުގަދަކޮށް ހެދިކަމުގައި ޢިމްރާން ޚާން ވިދާޅުވިއެވެ.

"މިސްކިތްތައް ހުޅުވީ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބެ ނަމާދުކުރާ ގޮތަށް." ޢިމްރާން ވިދާޅުވިއެވެ. "ރައްކައުތެރިކަމުގެ ފިޔަވަޅު އަޅާތޯބަލައި އެކަމަށް ހިތްވަރުދޭން ބަޔަކު ތިބި. މިސްކިތްތަކަކުންނެއް ނޫން ކޮރޯނާ ވައިރަސް ފެތުރެނީ."

ޕާކިސްތާނުގެ މިސްކިތްތަކުގައި ނަމާދުކުރާ މީހުން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅާތޯ ބަލަމުން ދަނީ ބޮޑުވަޒީރު އުފެއްދެވި ޚާއްޞަ ޓާސްކް ފޯހެއްކަމުގައިވާ "ޓައިގަރ ފޯސް"އިންނެވެ.

"ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރާނެ މީހުން ބޭނުން. ހޭލުންތެރިކަން އުފައްދާނެ މީހުން ބޭނުން. ދަރުމައަށް މަސައްކަތް ކުރާނެ މީހުން ވެސް ބޭނުން." ޢިމްރާނު ވިދާޅުވިއެވެ.

ބޮޑުވަޒީރު ޢިމްރާނު ވިދާޅުވީ އޭނާ އުފައްދާފައިވާ "ޓައިގަރ ފޯސް"ގެ މަސައްކަތްތަކުގެތެރޭގައި ތަކެތީގެ އަގުބޮޑުވުން ކޮންޓްރޯލު ކުރުމާއި ކާބޯތަކެތި ފޮރުވައިގެން ގެންގުޅޭ މީހުން ހޯދުމާއި އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ލުއިފަސޭހަކޮށްދިނުން ހިމެނޭކަމަށެވެ. އަދި ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ގޮއްފުޅަގީގެ އުނދަލުން ސަލާމަތް ކުރުމަށް ވެސް އެމީހުންގެ އެހީތެރިކަން ލިބޭނޭކަމަށް ވިދާޅުވިއެވެ.

ހައެޔާއެކު ޕާކިސްތާނު ސާފުކޮށް ފެހިކޮށް ބޭއްވުމަށް ވެސް އެމީހުން މަސްކަތް ކުރާނޭކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފުރަބަންދު އިތުރަކަށް ތަހައްމަލެއް ނުކުރެވޭނެ. އަޅުގަނޑުމެން ފުރަބަންދާ ދިމާއަށް އިތުރަށް ދާކަށް ބޭނުމެއްނޫން!" ޢިމްރާން ވިދާޅުވިއެވެ. "ފުރަބަންދު ހުޅުވުމުން ކޮރޯނާވައިރަސް ފެތުރޭނެކަން އަޅުގަނޑުމެންނަށް އެނގޭ. ވައިރަސް ފެތުރެމުންދާނެ. އެކަމަކު ވައިރަސް ފެތުރިދާނެކަމުގެ ބިރަށް ރައްޔިތުން ކޮޓަރިތަކުގައި ބަންދުކޮށްފައި ނުބޭތިއްބޭނެ."

ޢިމްރާނު ވިދާޅުވީ ވައިރަސް މާބޮޑަށް ފެތުރެންޏާ އެސަރަހެއްދެއް ބަންދުކުރެވިދާނެކަމަށެވެ. އެސަރަހައްދެއްގެ ފިހާރަތައް ވެސް ބަންދުކުރެވިދާނެކަމަށެވެ.

އިމްރާނު ވިދާޅުވިގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން ގައުމުތައް ދަނީ ބަނގުރޫޓުވަމުންނެވެ. އަދި ލޮކްޑައުން ކުރުމުން ރައްޔިތުން ދަނީ މަސައްކަތެއް ނުކުރެވި ބަނޑަށް ޖެހެމުންނެވެ. މުދަލުގެ އަގު ދަނީ ބޮޑުވަމުންނެވެ.

"ދެން ބަޖެޓު ފާސްކުރާއިރު ވަރަށް ގިނަ ގޮންޖެހުންތަކާ އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހޭނެ. ޚަރަދުކުޑަކޮށް އާމުދަނީ އިތުރު ކުރާނެ ގޮތްތަކަށް އިސްކަން ދޭންޖެހޭނެ." އޭނާ ވިދާޅުވިއެވެ.

ޢިމްރާނު ވިދާޅުވިގޮތުގައި ރައްކައުތެރިކަމުގެ ފިޔަވަޅުތަކަށް ރައްޔިތުން އިސްކަން ދޭކަމަށްވާނަމަ، ދަތި އުނދަގޫ ދުވަސްތައް ފަހަނަޅައި ކުރިއަށްދާން ފަސޭހަވާނެއެވެ.

ޕާކިސްތާނުން ފުރަބަންދަށް ލުއިދިންފަހުން އެގައުމުގައި ކޮރޯނާވައިރަސް ފެތުރޭ އަދަދާއި މީހުން މަރުވާ އަދަދު އިތުރުވަމުން ދާކަން ވަނީ ފާހަގަކުރެވިފައެވެ.

ކޮރޯނާވައިރަސް އަވަށްޓެރި އިންޑިއާގައި ފެތުރެންފެށި ދުވަސްވަރު އިންޑިއާއަށް ވައިރަސް ފެތުރެންފެށީ މުސްލިމުން މިސްކިތްތަކުގައި ބޭއްވި ބައްދަލުވުންތަކެއްގެ ސަބުންކަމަށް ބުނެ ހިންދޫން ހައިޖާން އުފައްދަން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ.