Last Updated: March 28, 13:31
Thursday, March 28, 2024
ޚަބަރު

ކޯވިޑާ ގުޅިގެން ފިޔަވަޅުތަކަށް ލުއި ދިނުމުން ދިއްލީގައި ބަލި އިތުރު ވަނީ

Photo: teletrader

ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގައި އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރުމާއެކު، އެޤައުމުގެ ވެރި ރަށް، ދިއްލީގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވާން ފަށައިފިއެވެ.

16 މިލިއަން މީހުން ދިރިއުޅޭ ދިއްލީގައި ހުރި އެޤައުމުގެ ދިފާއީ ވުޒާރާގެ ދޮރުތައް ބަންދު ކުރެވިފައިވާ އިރު، އެޤައުމުގެ ސަރުކާރުގެ އިސް މީހަކު ވަނީ ކަރަންޓީނުގައެވެ. އަދި މާލީ ވުޒާރާގެ އިސް އޮފިޝަލަކާއި، ޤައުމުގެ އިސް ތަރުޖަމާނަށް ވަނީ ކޯވިޑް-19 ޖެހިފައެވެ.

ބަލި ފެތުރުން އިތުރު ވުމާއެކު، އެޤައުމުގެ ސަރުކާރުން ދަނީ ހޮޓެލް ތަކާއި ކޮމިއުނިޓީ ސެންޓަރުތައް ކޯވިޑް-19 ޖެހޭ މީހުންނަށް ފަރުވާދޭ ވޯޑުތަކުގެ ގޮތުގައި ބޭނުން ކުރުމަށް ނަގާފައެވެ. ނަމަވެސް އަދިވެސް މި ބަލީގައި މަރުވާ މީހުންގެ އަދަދު އެޤައުމުގައި އަދިވެސް ދަނީ މައްޗަށެވެ.

ޑޮކްޓަރުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާ ތަކުގައި ދިއްލީ އިން ފެންނަ ކޭސްތައް އިތުރު ވަމުންދާނެއެވެ. އެޤައުމުގެ ޑެޕިއުޓީ ޗީފް މިނިސްޓަރ މަނީޝް ސިސޯޑިއާ ވިދާޅުވި ގޮތުގައި ޖޫން މަހުގެ ނިޔަލަށް އެ ޤައުމުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު 550،000 އަށް އަރާފާނެއެވެ.

އިންޑިއާގައި ހަރަކާތްތެރިވާ ޖެނެރަލް ފިޒީޝިއަން އަދި ޕްރޮގްރެސިވް މެޑިކޯސް އެންޑް ސައެންޓިސްޓްސް ފޯރަމްގެ ރައީސް ހަރްޖީތު ސިންގ ބައްޓީ ވިދާޅުވީ އެޤައުމަށް ކުރިއަށް އޮތް ތަނުގައި އޮތް ނުރައްކާ އަންދާޒާ ކުރަން ވަރަށް ދަތި ކަމަށެވެ. އަދި އެޤައުމުގައި ސިއްޙީ ނިޒާމު ވަރުގަދަ ކުރުމަށް މާ ބޮޑު މަސައްކަތެއް ނުކުރެވޭ އިރު، ޓެސްޓު ކުރުން އިތުރު ކުރުމަށްވެސް މާ ބޮޑު މަސައްކަތެއް ކުރެވިގެން ނުދާ ކަމަށެވެ.

"އަހަރެމެން ޓެސްޓު މިކުރަނީ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ހަމަ އެކަނި %10 މީހުން – އެއީ އެންމެ ބަލި ބޮޑު، އަދި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ މީހުން." އޭނާ ވިދާޅުވިއެވެ.

މިހާތަނަށް އައި އިރު އިންޑިއާ ގައި 280,067 މީހުންނަށް ވަނީ ކޯވިޑް-19 ޖެހި، މި ބަލީގައި 7،797 މީހުން ނިޔާވެފައެވެ. އަދި ބަލިން ރަނގަޅު ވެފައިވާ މީހުންގެ އަދަދަކީ 135،206 އެވެ.