ފަސްދޮޅަސް އަހަރު ވަންދެން ބޮލީވުޑަށް ހިދުމަތްކޮށްފައިވާ ކާމިޔާބް އެކްޓަރު ދިލިޕް ކުމާރާއި އޭނާގެ އަންހެނުން ސާއިރާ ބާނޫ އުމްރާ އަށް މައްކާ އަށް ބުރާސްފަތި ދުވަހު ގޮސްފި އެވެ.
ދާދި ފަހުން 90 ވަނަ އުފަން ދުވަސް ފާހަގަ ކުރި ދިލިޕް އާއި ސާއިރާ، 68، އުމްރާ އަށް ފަހު އެނބުރި މުމްބާއީ އަށް ދާނެ ދުވަހެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް ދެމަފިރިން އުމްރާގައި މައްކާގައި އެކުގައި ވަގުތު ހޭދަ ކުރާނެ އެވެ. މިދިއަ އަހަރު އާމިރް ހާން ވެސް ވަނިީ އޭނާ މަންމަ އާ އެކު މައްކާ އަށް ގޮސް ހައްޖުގެ މާތް އަޅުކަން އަދާކޮށްފަ އެވެ.
ދިލިޕް ކުމާރުގެ ފާހަގަކޮށްލެވޭ ބައެއް ފިލްމްތަކުގެ ތެރޭގައި "މުގްލޭ އާޒަމް"، "ނަޔާ ދައުރު"، "މާޝަލް"، "ގަރްކީ އިއްޒަތު"، "ނަދިޔާ ކޭ ޕާރް" ފަދަ ފިލްމްތައް ހިމެނެ އެވެ.
ސާއިރާ ބާނޫގެ ފާހަގަކޮށްލެވޭ ބައެއް ފިލްމްތަކުގެ ތެރޭގައި "އާދްމީ އޯރް އިންސާން"، "ޕަޅޯސަން" އަދި "ޕޫރަބް އޯރް ޕަސްޗިމް" ފަދަ ފިލްމްތައް ހިމެނެ އެވެ.