Last Updated: April 19, 13:47
Friday, April 19, 2024
ކުޅިވަރު

ބާސާއަށް 6.7 މިލިއަން ޔޫރޯ ދައްކަން ނޭމާ އަށް އަންގައިފި

ބޯނަހުގެ މައްސަލައިގައި ޕީއެސްޖީގެ ފޯވާޑް ނޭމާ، ބާސެލޯނާ އަށް 6.7 މިލިއަން ޔޫރޯ ދައްކަން ޖެހިއްޖެއެވެ.

2017 ވަނަ އަހަރު ބާސާ ދޫކޮށްލުމަށްފަހު 222 މިލިއަން ޔޫރޯގެ އަގަކަށް ނޭމާ ޕީއެސްޖީ އަށް ބަދަލުވިއިރު، ނޭމާ ވަނީ ލޯޔަލްޓީ ބޯނަހުގެ ގޮތުގައި ލިބެންޖެހޭ 43.6 މިލިއަން ޔޫރޯ ބާސާ އިން ދީފައި ނުވާ ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އެއާއެކު ބާސާ އިން ވަނީ ކޮންޓްރެކްޓާއި ނޭމާ ހިލާފުވެފައިވާ ކަމަށް ބުނެ، ނޭމާގެ އަތުން 8.5 މިލިއަން ޔޫރޯ ހޯދަން ކޯޓަށް މައްސަލަ ވައްދާފައެވެ.

ބާސެލޯނާގެ ކޯޓަކުން އިއްޔެ މި މައްސަލަ ބާސާއާ އެއްކޮޅަށް ނިންމިއިރު، ކޯޓުން ވަނީ 6.7 މިލިއަން ޔޫރޯ ބާސާ އަށް ދައްކަން ނޭމާގެ މައްޗަށް އަމުރުކޮށްފައެވެ. މި ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު ނޭމާ އަށް ލިބިފައިވެއެވެ.

ބާސާ އިން ވަނީ ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔައި، މި މައްސަލަ އިސްތިއުނާފްކުރި ނަމަވެސް ބާސާގެ ހައްގުތަކުގެ ދިފާއުގައި ދެމިތިބޭނެ ކަމަށް ބުނެފައެވެ.

ބާސާ އާއި ދެކޮޅަށް ނޭމާ ކޯޓަށް މައްސަލައެއް ވެއްދި ނަމަވެސް، މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސާ އިން ވަނީ ނޭމާ ގެންނަން މަސައްކަތްކޮށްފައެވެ.