Last Updated: June 6, 18:02
Saturday, June 6, 2026
ޚަބަރު

އައްޑޫގައި އުޅޭ ބިދޭސީން ރަޖިސްޓްރީވާން އަންގައިފި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް - ފޮޓޯ: އިމިގްރޭޝަން

އައްޑޫ ސިޓީގައި އުޅޭ ބިދޭސީން އެބަޔަކު އުޅޭ ރަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓްރީވުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ އެއްވެސް ރަށަކަށް ބިދޭސީއަކު ގެންނަ ނަމަ ވެސް ދަފްތަރުގައި ރަޖިސްޓްރީވުމަށް އަންގާފައެވެ. އަދި މިހާރު އުޅޭ ބިދޭސީންވެސް ދަފްތަރުގައި ރަޖިސްޓްރީވުމަށް ވަނީ އަންގާފައެވެ.

ލާމަރުކަޒީ ގާނޫނަށް ރިއާޔަތްކޮށް ބިދޭސީންނާއި ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކޮށް އެ ސިޓިގައި މިހާރު އުޅޭ ބިދޭސީން ދަފުތަރުގައި ރެޖިސްޓްރީވުމަށް އަންގާފައިވާނެ ކަމަށާއި ކުރިއަށް އޮތް ތާނގައި އެ ސިޓީ އަށް ގެންދާ ބިދޭސީން، ގެންދާ ރަށެއްގެ އޮފީހުގައި ރަޖިސްޓްރީ ކުރަން. އަންގާފައިވާ ކަމަށެވެ.

ބިދޭސީން ގެންދާ ފަރާތްތަކުން ރަޖިސްޓްރީވާން ޖެހޭ ހާއްސަ ފޯމެއް އޮންނާނެކަން ފާހަގަކުރައްވާ އައްޑޫ ސިޓީ ކައުންސިލުން ބުނީ ބިދޭސީން އައްޑޫ ސިޓީން ފޮނުވާލާއިރު ވެސް ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.

މީގެއިތުރުން ސައްހަ އެއްވެސް ލިޔެކިޔުމެއް ނެތި ބިދޭސީއެއް އައްޑޫ ސިޓީގެ އެއްވެސް ރަށެއްގެ ގެއެއްގައި ބެހެއްޓުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން ބިދޭސީންނަށް ފަށާފައިވާ ރެގިއުލޭޝަން ޕްރޮގްރާމުގައި ބައިވެރިނުވެ ސައްހަ ލިޔެކިޔުން ނެތް ބިދޭސީން އަނބުރާ ފޮނުވާލާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުގެ އިއުލާނުގައިވެއެވެ.