Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ލިވަޕޫލް އެއްވަރުވެ ތަށި ލިބުން ފަސްވެއްޖެ

އެވަޓަން އާއި ރޭ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން، އިނގިރޭސި ޕްރިމިއާ ލީގުގެ ހޯދުމަށް ލިވަޕޫލް އިން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި މިހާރު އޮތީ 83 ޕޮއިންޓާ އެކުއެވެ. ލީގު ހޯދުމަށް ލިވަޕޫލަށް މިހާރު ބޭނުންވަނީ އެންމެ ފަސް ޕޮއިންޓެވެ. ނަމަވެސް މިރޭ ބާންލީއާ ދެކޮޅަށް ކުޅޭ މެޗުން ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް މޮޅު ނުވެވި، ލީގުގައި ދެން ކުޅޭ މެޗަކުން ލިވަޕޫލް މޮޅުވެއްޖެނަމަ އެޓީމަށް ލީގު ލިބޭނެއެވެ.

އެވަޓަންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، މި މެޗުގައި ގޯލެއް ކާމިޔާބުކުރުމާ އެންމެ ގާތަށް ގޮސްފައިވަނީ އެވަޓަން އިންނެވެ. އެގޮތުން އެވަޓަންގެ ކަލްވާޓް ލެވިން އާއި ރިޗާލިން ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު އެލިސަން ދިފާއުކުރިއިރު އެޓީމުގެ ޑޭވިސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިވަޕޫލުން ވެސް ވަނީ އެވަޓަންގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން ފަބީނިއޯ ފޮނުވާލި އެ ހިލޭޖެހުން އެވަޓަންގެ ކީޕަރު ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.

ލީގުގައި ރޭ ޗެލްސީން ވަނީ ފަހަތުން އަރައި އެސްޓަންވިލާގެ މައްޗަށް 2-1 އިން ކުރި ހޯދައި ގަދަ ހަތަރެއްގައި ހަމަޖެހިލާފައެވެ. މި ނަތީޖާއާއެކު ލީގުގެ ހަތަރުވަނައިގައި ޗެލްސީ މިހާރު އޮތީ 51 ޕޮއިންޓާ އެކުއެވެ. އެސްޓަންވިލާ އޮތީ 26 ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގައެވެ.

އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މި މެޗުގެ 43 ވަނަ މިނެޓްގައި ހައުސް ވަނީ ވިލާއަށް ނަގާދީފައެވެ. ނަމަވެސް ދެވަނަ ހާފްގައި ކުޅެން އެރި ކްރިސްޓިއަން ޕުލިސިޗް މެޗުގެ 60 ވަނަ މިނެޓްގައި ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދިންއިރު އޭގެ ތިން މިނެޓްގައި އޮލިވިއޭ ޖިރޫ ވަނީ މި މެޗުން ޗެލްސީ މޮޅުކޮށްދިން ގޯލު ކާމިޔާބުކޮށްދީފައެވެ.