އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ރޭ ހ. ލަންޗްމީޑް ގޭގެ ހަ ވަނަ ފަންގިފިލާގައި ހުރި ޔޫމެޓް ކޮންސްޓްރަކްޝަންގެ އޮފީސް ފަޅާލައި ލައްކައެއްހާ ރުފިޔާގެ އަގުހުރި ތަކެތި ވަގަށް ނެގުމަށްފަހު އެތަނުގައި ރޯކުރި މައްސަލާގައި އައްޑޫގެ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފި އެެވެ.
މި ހާދިސާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހުޅުދޫ، ރައިހާނުގެ، ޝިމްޠާނު ޢަލީ ފޭދޫ، ނަލަރީތިގެ، މުޙައްމަދު އައިމަން އެވެ.
ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުޙައްމަދު ދާޢޫދު ވިދާޅުވީ އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެ އޮފީހުން ވަގަށް ނަގާފައިވާ ކަަމަށް ބެލެވޭ ތަކެތި ވިއްކުމަށް މަސައްކަތްކުރަމުން ދަނިކޮށް މާލޭގެ 01 ނަންބަރު ކުނިކޮށި ސަރަޙައްދުގައި ހުންނަ ނީލަން ފިހާރަ ކައިރިން ކަމަށެވެ.
އަދި އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން ގެންގުޅުނު ދަބަސްތަކާއި ފޮށިގަނޑުތައް ބަލައި ފާސްކުރިކުރުމުން ޔޫމެޓް ކޮންސްޓްރަކްޝަންސްއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ލެޕްޓޮޕާއި ކަރަންޓް ނަރުރޯލްތަކަކާއި، އަދިވެސް އިތުރު އިލެކްޓްރޯނިކްސް ސާމާނުތަކެއް އެދެމީހުން ގެންގުޅުނު ފޮށިގަނޑުތަކުންނާއި ދަބަސްތަކުން ފެނިފައިވެ އެވެ.
އަދި އެދެމީހުން އެ އޮފީހުން ވައްކަންކުރަނިކޮށް ފެންނަ ސީސީޓީވީ ފުޓޭޖްވެސް ފުލުހުންގެ ތަޙުޤީޤަށް ލިބިފައިވާކަަމަށް ޗީފް އިންސްޕެކްޓަރު މުޙައްމަދު ދާޢޫދު ވިދާޅުވި އެވެ
ޔޫމެޓް ކޮންސްޓްރަކްޝަންސް އޮފީހުން ވަގަށް ނެގި ތަކެއްޗާއި އަދި އެތަނުގައި ރޯކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުން 1.2 މިލިއަން ރުފިޔާއަށްވުރެ މައްޗަށް ދާނެ ކަމަށް އެއޮފީހުން އަންދާޒާ ކުރައްވާ ކަމަށްވެސް ދާޢޫދު ވިދާޅުވި އެވެ
މިފަދަ މައްސަލަތަކުގެ ތަޙުޤީޤު ކާމިޔާބު ކުރުމުގައި ޢާންމު ފަރާތްތަކުން ފޯރުކޮށްދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ކުރައްވައި ދާޢޫދު ޝުކުރު އަދާ ކުރެއްވި އެވެ.