Last Updated: May 8, 22:22
Wednesday, May 8, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 13، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

ސަލީމް ނުރަސްމީ ގަޑިއެއްގައި ޔޫނުސްގެ އޮފީހަށް އަ އެވެ.

"ބައްޕާ ބައްޕަ އޮފީހަށް ނުދުރުވާތާ މިހާރު ދެ ހަފްތާވީ. ސޮއި ނެތިގެން ނުނިމި ހުރި ބައެއް މަސައްކަތް ހުރުމާ އެކު މި އައީ މިފައިލް ހިފައިގެން ބައްޕަ ލައްވާ ސޮއި ކުރުވަން."

"ސަލީމް އަހަރެންގެ ތޮބީއަތު އަދިވެސް މުޅިޔަކުން ރަނގަޅެއް ނޫން. އަނެއްކޮޅުން އައިޝާގެ ކައިވެނީގެ ކަންތަށް މިއޮތީ ބޯމަތީ. އެހެންވެ މި ދުވަސްކޮޅު އޮފީހަށް ނާދެވޭނެ. ގެނޭ އަހަރެން ސޮއި ކުރާނަން." ޔޫނުސް ބަލާލުމެއް ކިޔާލުމެއް ނެތި ސަލީމް ގެނައި ހުރިހާ ގަނޑެއްގައި ސޮއިކޮށްފިއެވެ. ސަލީމްގެ ތުންފަތްމަތީ ކުޅެލީ ވިހަ ހިނިތުންވުމެކެވެ.

"ބައްޕާ އުނައިސް ގެންނަންވީ ނޫންތޯ. އިއްޔެގަ ވެސް އަޅުގަނޑު ދެކުނިން އޭނާ އެސްޓީއޯ ގެ ސިމެންތި ގުދަނުގަ މަސައްކަތް ކުރަނިކޮށް. މިއީ ވަރަށް ހަޑި ކަމެއް."

"ފައިސާ ލިބޭ އެއްވެސް ކަމަކީ ހަޑި މަސައްކަތެއް ނޫން."

ސަލީމް ފައިލް ހިފައިގެން އޮފިހުން ނުކުމެގެންް ދިޔަ އިރު ހީވަނީ ހަނގުރާމައަކުން ފަތަހަ ލިބިގެން ދާ މީހެއްހެންނެވެ. ސަލީމް ދަނިކޮށް ވަހީދާ އާ ވެސް ދިމާވި އެވެ. އެކަމަކު ސަލީމް އަކަށް މިކަމެއް ނޭގުނެވެ. ހަަމަ ހެމުން ފައިލް ހިފައިގެން ދިޔައީ އެވެ.

"ސަލީމް ކިހިނެއްވެފަަތަ އެ ދިޔައީ؟" ވަހީދާ ޔޫނުސް ކައިރިއަށް އައިސް އެހި އެވެ.

"ކިހިނެއްވީ ތިހެން ތިއެހީ؟"

"އަހަރެންނާ މުޑި އެރި އިރު ވެސް އޭނާއަށް ނޭނގުނު…އެހެންވެގެން. އަދި ދިޔައީ ފައިލްތަކެއްވެސް ހިފައިގެން ހެމުންހެމުން."

"އެހެންތަ؟ ނޭނގުނު. ގެނައި ފައިލްތަކެއްގަ އަހަރެން ސޮއި ކުރިން."

"ބަލާލިންތަ އެއީ ކޮން ފައިލެއްތޯ؟"

"ނޫނޭ އެއީ ވެސް މަގޭ ދަރިއެއް. ކޮންމެހެން ނުބެލިޔަސް އޯކޭނު."

"އަސްލު އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. ކޮބާތަ އައިޝާގެ ކައިވެނީގެ ގަހަނާ ގަންނަން ދަނީ ކޮން އިރަކު؟ މިހާރު އުނައިސްމެންނަށް ނަައަންގަންތަ؟"

"ވަހީދާ އަހަރެން ބޭނުމެން ނޫން އުނައިސް ގެންނާކަށް."

ސަލީމް މަގުމަތިން އުނައިސް އާ ބައްދަލު ކުރި އެވެ.

"އުނައިސް މަޑުކޮށްބަލަ؟"

"އަނހަ ކިހިނެއްވީ ހާދަ ނުގަޑިއެއްގަ؟ އަނެއްކާ ގޭގެ ހުރިހާ ކަމެއް އޯކޭތަ؟"

"އުނައިސް އަށް ނޭގޭތަ އައިޝާގެ ކައިވެނި މާދަމާ."

"ނާހަމަ ރަނގަޅަށް. ތިވަރު ކަމެއް ގޭ މީހުން ނިންމި އިރު އަހަރެން ބާކީކޮށްލީނު. އަހަރެން މީ ހަމަ އެހާ ދުރު މީހެއްތަ؟" އުނައިސަށް ރޮވުނެވެ.

"ނޫނޭ…އެއީ އެހެންވީ ކަމެއް ނޫން. ބައްޕަ އާއި އުނައިސް އާ ދެމީހުންގެ ކޯޅުން އޮތީމަ ނުބުނީ ކަމަށް ވާނީ. މިހާރު މިއެނގުނީނު. ހިނގާ ގެއަށް ދާން. އުނައިސް ދިޔައިމަ ހުރިހާ ކަމެއް ހަމަޔަކަށް އެޅޭނެ."

އުނައިސް އެއްވެސް ޖަވާބެއް ނުދީ ސައިކަލް ދުއްވާލީ އެވެ.

ލެމަން ގްރާސްގައި ވަރަށް ކުލަ ގަދަ ހަފްލާއެއް ބޭއްވުމަށް ފަހު އައިޝާގެ ކައިވެނި ކުރެވުނެވެ. އެ ވަގުތު ލެމަން ގްރާސް ގޭ ޓްކައިރީ އުނައިސް މި ކައވެނީގެ މަންޒަރު ދުރުން ބަލަން ހުއްޓެވެ. އުފާވެރިކަމުގެ ކަރުނަ އާއި ހިތާމަ އޭގައި އެކުލެވިގެންވެ އެވެ. ކުއްލިއަކަށް އައިޝާ އަށް އެ ދިމާލަށް ބަލާލެވުނެވެ. އެ ވަގުތަކީ އުނައިސް ކަރުނަ ފޮހެލާފައި ދާން އެނބުރިލި ވަގުތެވެ.

"ދޮންބޭ….ދޮންބޭ…ދޮންބޭ…" އައިޝާގެ އަޑަށް އުނައިސް އެނބުރިލި އެވެ. އޭރު އައިޝާ އޭނާގެ ކައިވެނީގެ ހެދުމުގައި އަތުން ހިފަމުން ދުވަމުން ދުވަމުން އުނައިސް އާއި ދިމާލަށް އަންނަނީ އެވެ.

"އަހަރެންގެ ކައިވެންޏަށް ސިއްރުން އައިސްފަ ތިހެން ދަނީ ކީއްވެ؟ ދޮން ބޭއަހަރެން ދޮންބެ އަށް ކާޑު ވެސް ފޮނުވިން. އެކަމަކު ދޮންބެގެ ގޭގަ ހުރި ބޭރު މީހަކު ބުނީ ދޮންބެމެން ނޫޅޭޔޭ އެ ގެޔަކު އެއީ ތެދެއްތަ؟"

"އާނ…އަހަރެމެން މިހާރު އުޅެނީ ހުޅުމާލޭގަ. ދެން ކަންތައްތައް ރަނގަޅު ދޯ؟" އެ ވަގުތު އައިޝާގެ ފިރިމީހާ ވެސް އައިސް އުނައިސް އާ ސަލާމް ކުރި އެވެ.

"އަހަރެންގެ ކޮއްކޮ ލޯބިން ގެންގުޅޭތި. ވަރަށް އުފާވޭ ބައްދަލުވީތީ." ކުޑަ ވާހަކަކޮޅެއް ދެ މީހުންނާ ވެސް ދެއްކުމަށް ފަހު އުނައިސް ދިޔައީ އެވެ.

ޖެހިގެން އައި ދުވަހެވެ. ސަލީމް ގޭ މީހުންނާ އެކު ސައިބޯން އިނެވެ.

(ނުނިމޭ)