Last Updated: March 28, 19:01
Thursday, March 28, 2024
ކުޅިވަރު

ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދައިފި

އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލް އަށް ލިބިއްޖެ އެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ ހަތް މެޗު އޮއްވައި ލިވަޕޫލަށް ޗެމްޕިއަންކަން ލިބުނީ އެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އައި މެންޗެސްޓަރ ސިޓީ މިރޭ ޗެލްސީ އަތުން 2-1 އިން ބަލިވުމާ ގުޅިގެންނެވެ.

ލީގުގެ އެއްވަނައިގައި ލިވަޕޫލް މިވަގުތު ލެސްޓާ އޮތީ 86 ޕޮއިންޓާއެކުގަ އެވެ. ސިޓީ އަށް ލިބިފައިވަނީ 63 ޕޮއިންޓެވެ.

މިއީ 1990 ވަނަ އަހަރަށްފަހު ލިވަޕޫލް އިން އިނގިރޭސި ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ލިވަޕޫލް އިން ލީގު ޗެމްޕިއަންކަން ހޯދާފައިވާއިރު އެޓީމު ލީގުގައި މިހާތަނަށް ބަލިވެފައިވަނީ އެންމެ މެޗަކުންކަން ފާހަގަކޮށްލެވެއެވެ.

ލިވަޕޫލް ވަނީ މިދިޔަ ސީޒަނުގައި ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

އަނެއްކޮޅުން މިރޭގެ މޮޅާއެކު ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް ޗެލްސީން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ. އެގޮތުން މި މޮޅާއެކު ޗެލްސީ މިޙާރު އޮތީ 54 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ 36 ވަނަ މިނެޓްގައި ކްރިސްޓިއަން ޕުލިސިޗް ވަނީ ޗެލްސީ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ހިލޭޖެހުމަކުން ކެވިން ޑެ ބްރައިނާ ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުން ޗެލްސީ މޮޅުވީ 78 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ވިލިއަން ޖެހި ގޯލުންނެވެ. މިއީ ގޯލް ރޮނގު މަތިން ސިޓީގެ ފެނާންޑީނިއޯ ބޯޅައިގައި އަތްލުމުން ރަތްކާޑަކާ އެކު ދިން ޕެނަލްޓީއެކެވެ.

ލީގު ޗެމްޕިއަންކަން ލިވަޕޫލުން ހޯދާފައިވާއިރު ލީގުގައި އެޓީމު ދެން ނިކުންނާނީ ސިޓީއާ ދެކޮޅަށެވެ.