Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އަސްލަމް އަށް ރުހުން ދޭން ކޮމެޓީން ފާސްކޮށްފި

މިނިސްޓަރ އަސްލަމް، ފޮޓޯ: އަވަސް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް މި މަހުގެ 14ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މުހައްމަދު އަސްލަމް އަށް ރުހުން ދިނުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމައިފިއެވެ.

އެ ކޮމެޓީން އަސްލަމް އަށް ރުހުން ދިނުމަށް ނިންމާފައި ވަނީ މިދިޔަ ހަފްތާގައެވެ. އެ ކޮމެޓީން ވަނީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުން އަސްލަމް އަށް ރުހުން ދިނުމަށް ނިންމާފައެވެ.

ހައުސިން މިނިސްޓްރީ އުވާލަން ސަރުކާރުން ނިންމާފައިވަނީ އެ މަގާމުގައި ހުންނެވި އާތިފާ ޝަކޫރު ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހައުސިން މިނިސްޓްރީ އުވައިލެއްވުމާ ގުޅިގެން، މިހައިތަނަށް އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި، ރާއްޖޭގެ ހިޔާވަހިކަމުގެ ސިޔާސަތު ކަނޑައެޅުމާބެހޭ އެންމެހައި ކަންތައްތަކާއި، ސޯޝަލް ހައުސިންގއާބެހޭ އެންމެހައި ކަންތައްތައް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރައްވަމުން ގެންދަވާގޮތަށް މިހާރު ވަނީ ނިންމާފައެވެ.

އަދި ހައުސިން މިނިސްޓްރީ އުވާލުމާ ގުޅިގެން އެ މިނިސްޓްރީގެ އެންމެހައި މުދަލާއި ވަސީލަތްތަކާއި މުވައްޒަފުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.