Last Updated: April 16, 14:57
Tuesday, April 16, 2024
ކުޅިވަރު

ލީގު ހޯދުމަށް ބާސާ އަށް ހުރަސްތަކެއް

ސެލްޓަވީގޯއާ 2-2 އިން އެއްވަރުވެ ސްޕެނިޝް ލީގު ހޯދުމަށް ބާސެލޯނާ އިން ކުރަމުންދާ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

މި ނަތީޖާއާއެކު ބާސާ މިހާރު އޮތީ 69 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި ބާސާ އަށް ވުރެ އެއް މެޗު މަދުން ކުޅެ 68 ޕޮއިންޓާ އެކު ރެއާލް މެޑްރިޑް އޮތްއިރު، ސެލްޓަ ވީގޯ އޮތީ 34 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ.

ސެލްޓާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 20 ވަނަ މިނެޓްގައި ލިއޮނަލް މެސީ ނަގައިދިން ހުރަހަކުން ލުއިސް ސުއަރޭޒް ވަނީ ބާސާ އަށް ލީޑު ނަގާދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން މެސީ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.

ބާސާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ސްމޮލޯވް ވަނީ ސެލްޓާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ 67 ވަނަ މިނެޓްގައި ސުއަރޭޒް ބާސާ އަށް އަނެއްކާވެސް ލީޑު ނަގައިދިންއިރު، މެޗުގެ 88 ވަނަ މިނެޓްގައި އިއާގޯ އަސްޕާސް ވަނީ ސެލްޓާ އަށް ނަތީޖާ އަނެއްކާވެސް އެއްވަރުކޮށްދީފައެވެ.

މެޗުގެ ފަހު މިނެޓްގައި ސެލްޓާގެ ނޮލީޓޯ އަށް އެޓީމު މި މެޗުން މޮޅުކޮށްދޭން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

ރޭގެ މެޗުން ބާސާ އެއްވަރުވިއިރު އެންމެފަހުން އެޓީމު ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެއް ނުވެއެވެ.