އެމްޑީޕީން ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަމުން ދަނީ، އެ ޕާޓީން ސަރުކާރު ހިންގި ދުވަސްވަރު ވަގަށް ނަގާފައިވާ ފައިސާ އިން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ތުހުމަތު ކުރައްވައިފި އެވެ.
ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމުގައި މި ރޭ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ސާކް ސަމިޓްގެ ނަމުގައި ވެސް އެމްޑީޕީ ސަރުކާރުން، ނާޖާއީޒު ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ކެމްޕޭން ކުރަނީ އެ ފައިސާ އިން ކަމަށް ވެސް މިނިސްޓަރު ތުހުމަތު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި ދަރުބާރުގެއަކީ ފެންވަރު ދަށް އިމާރާތެއް ކަމަށާއި އެތަނުން އައްޑުއަށާއި އައްޑޫ ރައްޔިތުންނަށް ވެސް ލިބުނު އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.
އަދި ސާކް ސަމިޓްގެ ދުވަސްވަރު ސިފައިންނާއި ފުލުހުން ލައްވައި ބޮޑެތި ބުރަ މަސައްކަތްތަކެއް ކުރުވުމަށް ފަހު އޭގެ ފައިދާ ވެސް ނާޖާއީޒު ގޮތުގައި ވަނީ ވަކި ބައެއްގެ ޖީބްތަކަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސާކް ސަމިޓް ދުވަސްވަރު "ސިފައިންނާއި ފުލުހުން ލައްވައި ނުކުރުވާކަށް ކަމެއް ނެތް" ކަމަށެވެ. އަދި އެކަން އެގޮތަށް ވެގެން ދިޔައީ ވެރިއަކަށް ހުންނެވި ބޭފުޅާގެ ސުލޫކާއި އަހުލާގުގެ ސަބަބުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިފައިން އިޖުތިމާއީ މަަަސައްކަތްތަކުގައި ބައިވެރިވާން ޖެހޭ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ސާކް ސަމިޓާ ގުޅުވަައިގެން ފުލުހުންނާއި ސިފައިން ލައްވައި ކުރުވި މަސައްކަތުގެ ސަބަބުން ވެސް ދައުލަތުގެ ބަޖެޓަށް ލިބުނު ލުޔެއް ނެތް ކަމަށް ވިދާޅުވި އެވެ.
އެހެންވެ ސާކް ސަމިޓް އޮޑިޓް ރިޕޯޓުން ވެސް ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާތީ އެކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކުން ބަލަން ޖެހޭނެ ކަމަަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.