Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ސިއްހީ ކުއްލި ނުރައްކާ އިއުލާން ކުރާއިރު މަޖިލީހުގެ ރުހުން ހޯދާ އިސްލާހު ބަލައިގެންފި

މަޖިލިސް ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ / މަޖިލިސް

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ކުރިން ރައްޔިތުން މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އެ އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.

އިސްލާހު ބަލައިގަތީ 64 މެންބަރުންގެ އިއްތިފާގުންނެވެ. އިސްލާހު ދިރާސާ ކުރުމަށް ހުށަހަޅާފައި ވަނީ އިޖުތިމާއީ ކޮމެޓީއަށެވެ. އިސްލާހުގައި ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރުމަށް ނެރޭ ގަރާރު، އެގަރާރު ނެރޭތާ 48 ގަޑިއިރު ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެފަދަ ހާލަތެއް އިއުލާން ކުރާ ދުވަސްވަރަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ކަމަށްވާ ނަމަ 14 ދުވަހުގެ ތެރޭގައި މަޖިލީހުން އެ ގަރާރު ފާސް ކުރަން ޖެހެއެވެ.

އިސްލާހުގައި މަޖިލީހަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައިވާއިރު މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ ބާރުވެސް އޮވެއެވެ. މަޖިލީހުން ބޭނުންވެއްޖެ ނަމަ މަޖިލީހުން ވަކި ބައެއް ނުވަތަ ގަރާރު އެއްކޮށް ފާސްކުރުމުގެ ބާރުވެސް ލިބޭ ގޮތަށް ވަނީ ގާނޫނަށް އިސްލާހު ހުށަހަޅާފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރާއިރުވެސް އިތުރު ކުރެވޭނީ 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ.