ޝައިޚް އިލްޔާސް ހުސައިންއަކީ ބައިއަތު ހިއްޕަވާ ކޮންމެ ފަރާތަކަށް ޣައްދާރުވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީން މިހެން ބުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން އުމްރާއަށް ވަޑައިގެންނެވި ކަމަށް ބުނި ނަމަވެސް އެކަން ގަބޫލް ނުކުރައްވާ ކަމަށް އިލްޔާސް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދިނުމަށް ނެރުުނު ބަޔާނެެއްގަ އެވެ.
އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުން ނެގި ސިއްރު ވޯޓުގެ މައްސަލާގައި ވޯޓު ސިއްރު ކުރުމަށް ވޯޓު ދިން ޕާޓީއަކާ ދުވަހަކު ވެސް ބައިއަތު ނުހިފާނެކަމުގެ ވަޢުދު ވެވަޑައިގަތުމަށްފަހު އެ ވަޢުދާ ޚިލާފަށް މިހާރު ޝައިޚް އިލްޔާސް ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީން ބައިއަތު ހިއްޕަވާފައި ވަނީ ވޯޓު ސިއްރު ކުރުމަށް ވޯޓު ދެއްވި ޖުމްހޫރީ ޕާޓީ އާ ކަމަށެވެ.
މީގެ އިތުރުން ޝައިޚް އިލްޔާސަކީ ސިޔާސީ ގޮތުންނާއި އަދި ދީނީ ގޮތުން ވެސް ދައްކަވާ ވާހަކަތަކަށް ރައްޔިތުންގެ އެއްވެސް ތާޢީދެއް ނުވަތަ އިތުބާރެއް ނެތް ބޭފުޅެއް ކަމަށް އެމްޑީޕީން ބުންޏެވެ.
"މި ރާއްޖޭގައި އިސްލާމް ދީނާއި، ޑިމޮކްރެސީ އާއި، އިންސާނީ ކަރާމަތާއި ތަރައްޤީއަށްޓަކައި ރައީސް މުޙައްމަދު ނަޝީދު ކުރެއްވި މަތިވެރި މަސައްކަތްޕުޅުގެ ސަބަބުން އެ މަނިކުފާނު ވެވަޑައިގެންފައި ވަނީ ރާއްޖޭގެ ރައްޔިތުންނާއި އަދި ބައިނަލް އަޤުވާމީ ފަރާތްތަކުގެ އާދަޔާ ޚިލާފު ތާޢީދާއި، އިޙްތިރާމާއި އިތުބާރު ހޯއްދަވައިގެން ހުންނެވި ޝަހުސިއްޔަތަކަށެވެ." ބަޔާނުގައިވެ އެވެ. "އެއާ ޚިލާފަށް ޝޭޙް އިލްޔާސް ޙުސެންއަކީ އެ ބޭފުޅާ ސިޔާސީ ގޮތުންނާއި އަދި ދީނީ ގޮތުން ވެސް ދައްކަވާ ވާހަކަ ފުޅުތަކަށް ރައްޔިތުންގެ އެއްވެސް ތާޢީދެއް ނުވަތަ އިތުބާރެއް ނެތުމުގެ ސަބަބުން އެ ބޭފުޅާ 2009 ވަނަ އަހަރު ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އަށް ވާދަ ކުރެއްވި ހިނދު، ލަދުގަންނަ ވަރުގެ ބޮޑު ބައްޔަކުން ބަލިވެވަޑައިގެންފައިވާ ނާކާމިޔާބު ބޭފުޅެއްކަން ފާހަގަ ކުރަމެވެ."