Last Updated: April 24, 20:13
Wednesday, April 24, 2024
ކުޅިވަރު

ޗެލްސީ އާ ލެސްޓާވެސް ބަލިވެ ހާސްކަމަށް

ޕްރިމިއާ ލީގުގެ ގަދަ ހަތަރަކާއެކު ޗެމްޕިއަންސް ލީގު ޖާގައެއް ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ޗެލްސީ އާއި ލެސްޓާ ވެެސް ރޭ ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ.

ވެސްޓް ހެމްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ތިން ޕޮއިންޓު ގެއްލިގެން ދިޔައީ، އެންމެ ފަހު ވަގުތުކޮޅު ޔަމޮލެންކޯ ޖެހި ގޯލުންނެވެ. ޕެނަލްޓީއަކުން ވިލިއަން ޖެހި ގޯލުން ޗެލްސީ ލީޑު ނެގި ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭ ވެސްޓް ހަމް ވަނީ އެއްވަރު ކޮށްފައެވެ.

ފޯރިގަދަ ލަންޑަން ޑާބީ އިތުރަށް ފޯރިގަދަވީ ފުރަތަމަ ހާފު ވެސްޓް ހެމްގެ ސޫކް ޖެހި ގޯލު ވީއޭއާރުން ބާތިލުކުރުމުންނެވެ. ޑޭވިޑް މޮޔެސްގެ ޓީމުން ވަނީ ރޭގެ މެޗުގައި ޗެލްސީއަށް ރަނގަޅު ޗެލެންޖެއް ދީފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ވެސްޓް ހަމްއިން ލީޑު ނަގައި ހަމަޖެހިލި ނަމަވެސް 72 ވަނަ މިނެޓުގައި ޗެލްސީން ވަނީ އެއްވަރުކޮށްފައެވެ. މިގޯލާއެކު ދެޓީމު ވެސް ކުޅުނީ ޕޮއިންޓަކުން ފުއްދާލަން ޖެހުނަސް އިތުރު ލަނޑެއް ބައިކޮޅަށް ނުވެއްދުމަށް މަސައްކަތް ކޮށްގެންނެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނިކުތް ވެސްޓް ހަމްގެ ޔަމޮލެންކޯ ވަނީ މުޅި މެޗު 89 ވަނަ މިނެޓުގައި ބަދަލުކޮށްލާފައެވެ.

އެވަޓަން އަދި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު އެވަޓަން ކާމިޔާބުކޮށް ޔޫރޮޕާ ލީގު ފުޓުބޯޅައަށް ކޮލިފައިވުމަށް ކުރަމުންދާ މަސައްކަތަށް އާ ހިތްވަރެއް ގެނެސްފިއެވެ.

ކާލޯ އެންޗެލޮޓީގެ ކޯޗު ކަމުގެ ދަށުން އެވަޓަން ވަނީ ރަނގަޅު ބަދަލަކާ ދިމާލަށް މިސްރާބު ޖަހާފައެވެ. ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ރިކާލިސަން އަދި ސިގަޑްސަން(ޕެނަލްޓީ) ވަނީ ގޯލު ޖަހާފައެވެ. ލެސްޓާގެ އިހެނާޗޯ 51 ވަނަ މިނެޓުގައި ގޯލެއް ޖެހި ނަމަވެސް ނަތީޖާއަށް އިތުރު ބަދަލެއް ނާދެއެވެ.