Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ބައްސާމް ހޮވައިފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް - އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް އިންތިޚާބުކޮށްފިއެވެ.

ބައްސާމް ދެވަނަ ދައުރަކަށް އިންތިހާބުކޮށްފައިވަނީ މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައެވެ. އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ ވެސް ބައްސާމް އެކަންޏެވެ.

އެފްއޭއެމްގެ އިންތިހާބު މިއަދު ބާއްވާފައިމިވަނީ މި އިންތިހާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުން ޔޫތް މިނިސްޓްރީގައި އެދިފައިވަނިކޮށެވެ. އެ އިންތިހާބު ފަސްކޮށްދޭން މަޖިލީހުން އެދުނީ އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅައިދިނުމަށް އެދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން އިތުރަށް ދިރާސާ ކުރަމުން އަންނާތީއެވެ.

ބައްސާމް އެންމެ ފުރަތަމަ އެފްއޭއެމްގެ ރައީސަކަށް އިންތިހާބުވީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

ބައްސާމް ރައީސްގެ މަގާމަށް އިންތިހާބުވިއިރު އޭނާގެ އެގެޒެކެޓިވް ކޮމިޓީގައި ހިމެނޭ ސީނިއާ ނައިބު ރައީސް އަކީ، ރާއްޖޭގެ ކުރީގެ މަޝްހޫރު ފޯވަޑް އަލީ އުމަރު އެވެ. ދެ ވަނަ ނައިބު ރައީސް އަކީ މިހާރުވެސް އެފްއޭއެމްގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.

އެކްސްކޯ މެންބަރުންގެ ތެރޭގައި ހިމެނެނީ، އަހްމަދު ޝަކީބު އާއި މިހާރުވެސް އެކްސްކޯ މެންބަރުގެ ގޮތުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޝިފާއު، އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ)، ކުރީގެ ސްޕޯޓްސް ކޮމިޝަނާ އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް އަހްމަދު ނަޝީދު (ޑޭވް)، ކުލަބު ގްރީން ސްޓްރީޓްގެ ރައީސް މުއާވިޔަތު ހަލީލް އެވެ. އެކްސްކޯގެ އަންހެން މެންބަރެއްގެ ގޮތުގައި ހިމެނި ވަޑައިގަންނަވަނީ އާމިނަތު ޝާނީޒް (ޝާނީ) އެވެ.