މި އަހަރު ނިމުމުގެ ކުރިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އައްޑޫ ބްރާންޗް ހުޅުވޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެމްއައިބީގެ ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭންސް އަލީ ވާސިފް "އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ވިދާޅުވީ އެމްއައިބީ އައްޑޫ ގޮފި ހުޅުވުމަށް ވާން ޖެހޭ ތައްޔާރީގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ.
އެގޮތުން އައްޑޫ ބްރާންޗަށް ބޭނުންވާ ބަޖެޓް ތައްޔާރު ކުރެވި ބޯޑުގެ އެޕްރޫލްވަލް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވާސިފް ވިދާޅުވީ އައްޑޫ ބްރާންޗަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން މިހާރު ތަމްރީނުކޮށް ނިމިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ މިހާރު އައްޑޫ ބްރާންޗްގެ ބަޖެޓް ހަދައި އެ ބޯޑުން އެޕްރޫވަލް ހޯދާފައި، އަދި ފުރަތަމަ ހުޅުވާއިރު ތިބޭނެ މުވައްޒަފުންވެސް ވާނީ މިހާރު ތަމްރީނު ކޮށްފައި." އޭނާ ވިދާޅުވި އެވެެ.
ވާސިފް ވިދާޅުވީ ބްރާންޗް ހުޅުވުން ލަސްވެގެން ދިޔައީ އައްޑޫން ހޯދަން މަސައްކަތް ކުރި އިމާރާތް ނުލިބުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ކައުންސިލުން ހަމަޖައްސައި ދިނީ ހިތަދޫގައި ހުންނަ ކުރީގެ އެސްޓީއޯ ސްޕަމާޓް. އެތަން ނަގަން އުޅެނިކޮށް މަރަދޫފޭދޫ ދިރާގް އިމާރާތް އެ މީހުން ދޫކޮށްލަން ބުނެގެން އެތަން ހޯދުމަށް ބެލީ. ނަމަވެސް އެތަނުގެ މައްސަލަތަކެއް އުޅޭތީ މިހާރު މަރަދޫފޭދޫ ދިރާގް އިމާރާތް ހޯދުން ދޫކޮށްލައި ހިތަދޫ އެސްޓީއޯ ސްޕަމާޓް ހިންގި އިމާރާތް މި ބަލަނީ." އޭނާ ވިދާޅުވި އެވެ.
ވާސިފް ވިދާޅުވީ އެސްޓިއޯ ސްޕަމާޓްގެ އެގްރިމެންޓްގެ ކަންކަމުގައި ލިގަލް ޓީމާއި ކައުންސިލާއި އެކު މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. އަދި އެގްރިމެންޓްގެ ކަންތަށް މުޅިން ހަމަޖެހުމާއި އެކު އިމާރާތުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އައްޑޫގައި އެމްއައިބީގެ ބްރާންޗެއް ހުޅުވުމުން 3 ބޭންކެއްގެ ހިދްމަތް އައްޑޫ ރައްޔިތުންނަށް ލިބެމުންދާނެ އެވެ.
އައްޑޫގައި މިހާރު ހަރަކާތްތެރިވަމުން އަންނަނީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބިއައި) އިންނެވެ.