Last Updated: April 19, 06:24
Friday, April 19, 2024
ސިޔާސީ

ނިހާދަށް މިހާރު ކަރަންޓު ބިލު ބޮޑުވުމަށް ފަހު ކުޑަކުރުން އޯކޭ؟

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަރަންޓު ބިލު ބޮޑުވުމަށް ފަހު ހެޔޮކުރުމުން އެކަމަށް ފާޑުކިޔުއްވި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް މިސަރުކާރުން، ހަމަ އެ އުކުޅު ބޭނުން ކުރުމުން ކަމުގޮސްފިއެވެ.

ސޯޝަލް މީޑިޔާގައި މީހަކު ޝާއިއުކުރި ނިހާދުގެ ކުރީގެ ޓުވީޓެއްގެ ސްރީންޝޮޓް

ނިހާދަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ސަރުކާރަށާއި ރައީސް ސޯލިހަށް ސަނާ ކިޔުއްވުމުގައި އިސް ދައުރެއް އަދާ ކުރައްވާ މެމްބަރެކެވެ. ނަމަވެސް އޭނާގެ ކުރީގެ ޓުވީޓުތަކަށް ބަލާލާއިރު ޔާމީންގެ ވެރިކަމުގައި ކަރަންޓު ބިލު ބޮޑުވުމަށް ފަހު ހެޔޮކުރުމުން، "ބޮޑު ކޮށްފި! ރައީސްގެ ހެޔޮފުޅުކަމުން ކުޑަކޮށްފި" މިކަން ކަމަކު ނުދެއެވެ.

މިއަދުގެ އެމްޑީޕީ ކޯލިޝަން ސަރުކާރުން ކަރަންޓު ބިލު އަތް ނުފޯރާ ފަށަށް މައްޗަށް ޖެއްސުމަށް ފަހު ހެޔޮކުރުމުން ނިހާދު ވަނީ ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވައި އަތް ޖައްސަވާ ޓުވީޓެއް ކުރައްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ކަރަންޓު ބިލުތަކަށް ދިން ޑިސްކައުންޓު ސްޓެލްކޯއިން ކަނޑާލުމުން، މާލޭގެ ގެތަކުގެ ކަރަންޓު ބިލާއި ފެން ބިލު ވަނީ އާދަޔާ ޚިލާފަށް ބޮޑުވެފައެވެ. ކުރިން 300 ވަރަކަށް ރުފިޔާ އަރަމުން އަންނަ ބިލުތަކަށް 4000 ރުފިޔާއިން މައްޗަށް ވަނީ ގޮސްފައެވެ.

އާންމުންގެ ރުޅިވެރިކަން ފަޅައިގެން ދިޔައީ ކޮވިޑާ ގުޅިގެން އެތައް ހާސް ބަޔެއްގެ މުސާރައަށް ބުރޫ އަރާފައިމިވާ ދަނޑިވަޅުގައި ބިލުތައް އިންތިހާއަށް އެރުވުމާ ގުޅިގެންނެވެ.

ނަމަވެސް ސްޓެލްކޯ އިން ފަހުން ވަނީ ޖޫން މަހުގެ ބިލަށް ވެސް 40 ޕަސެންޓު ޑިސްކައުންޓު ދޭން ނިންމާފައެވެ.

ސަރުކާރުން ބޮޑުކުރި ބިލެއް ސަރުކާރުން ކުޑަ ކުރުމުން އެކަމާ އަތް ޖަހާ ސަނާ ކިޔުމުން ނިހާދަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އަދި ކުރިން މިކަން ގޯސްވެ މިހާރު އޯކޭ ވުމުން ވެސް އޭނާއަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.