Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތްތައް ބުދަ ދުވަހު

ޕީޕީއެމްގެ ބައްދަލުވުމެއްގައި ރައީސް ޔާމީން -- ފޮޓޯ / ސަން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފުގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.

މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ބާއްވައި މި އަޑުއެހުމަށްފަހު ދެން ބާއްވާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެވެ. ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ފެށުމަށް ނިންމާފައި މިވަނީ ހަތަރު މަސް ފަހުންނެވެ. އަދި ކޮވިޑް19 ގެ ސަބަބުން ކޯޓުތަކުގެ މަސައްކަތް ހުއްޓުމަކަށް އައިސް އޮތުމަށްފަހު މިހާރު ކޯޓުތައް ހުޅުވައިގެން މަސައްކަތްތައް ފެށުމަށް ވަނީ ނިންމާފައެވެ.

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މާޗު މަހުގެ ފަސްވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތައް ބާއްވަން ތާވަލްކޮށްފައިވާއިރު ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އަށް އުފުލައި، ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެވެ.

ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.