Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ވަޒީފާ އަށް އަސަރުކުރި ފަރާތްތަކަށް މިހާތަނަށް ޖުމްލަ 10 މިލިއަން ދީފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 10.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ޖޫންމަހުގެ ތެރޭގައި ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި ދިނުމަށް 5.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މި މަހުގެ ތިންވަނަ ދުވަހާއި ހަމައަށް 10.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެގޮތުން މިހާތަނަށް 2،507 މީހަކަށް ވަނީ އިންކަމް ސަޕޯޓު އެލަވަންސް ދީފައެވެ.

"އިންކަމް ސަޕޯޓު އެލަވަންސް" އެލަަވަންސް ދެނީ ވަކި ހާއްސަ އުސޫލެއްގެ ދަށުންނެވެ. މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ.

ކޮވިޑް19 ގެ ސަބަބުން ވަޒީފާތަކަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދޭނީ މިއަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހަށް ފަހުން ކޮވިޑް19 ގެ ސަބަބުން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މިފަދައިން ވަޒީފާތަކަށް އަސަރު ކޮށްފައިވާ މީހުން އެ މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް އެދިފައެވެ.

މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ކޮވިޑް19 ގެ ސަބަބުން މުސާރަ ކުޑަ ކޮށްފައިވާ މީހުންނާއި ނޯޕޭ ލީވް ދީފައިވާ މީހުންނާއި ވަޒީފާއިން ވަކި ކޮށްފައިވާ މީހުން ހިމެނެއެވެ.