Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އޮޅުން އެރުން ކުޑަ ކުރުމަށް އިދާރާތަކުން އަވަހަށް މައުލޫމާތު ފޯރުކޮށްދެންޖެހޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކާއި ގުޅޭ މައުލޫމާތުތައް އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ރައްޔިތުންނަށް އެކަންކަން އޮޅުން އަރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ދިވެހި ފުލުހުންނާއި މިއަދު ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބައެއް މީޑިއާތަކުން ހަބަރު ގެނެސްދޭ ގޮތުން ރައްޔިތުންނަށްވެސް އޮޅުން އަރާ ކަމަށެވެ. ނަމަވެސް މީޑިއާތަކުން ފަތުރާ ހަބަރުތަކުން އޮޅުން އެރުން ކުޑަ ވެގެން ދާނީ ކަމާ ބެހޭ އިދާރާތަކުން އެ މައުލޫމާތެއް މީޑިއާތަކަށް ނުވަތަ ރައްޔިތުންނަށް އަވަހަށް ހިއްސާ ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި އުފެދިފައިވާ އިޖުތިމާއީ ގިނަ މައްސަލަތަކަކީ ހައްލު ނުކުރެވިފައިވާ ގިނަ ދުވަސްވީ މައްސަލަތައް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެއީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަތައް ކަމަށްވީ ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގެވެށި އަނިޔާ އާއި މަސްތުވާތަކެތީގެ މައްސަލަތައް ކަމަށްވީ ނަމަވެސް މިއީ ހައްލު ނުކުރެވި މުޖުތަމައުގައި ހުރި ދުވަސްވީ މައްސަލަތައް،" ރައީސް ވިދާޅުވިއެވެ.

ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރުމުގައި އެންމެ މުހިއްމު ރޯލެއް އަދާ ކުރާ އަދި ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރާ ބަޔަށްވުމުން އެ މައްސަލަތައް ހައްލު ކުރުމުގައި ފުލުހުންގެ ރޯލު ވަރަށް މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކާމިޔާބު ކުރުމުގައި ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި ފުލުހުންނާއި ތަންފީޒި އިދާރާތަކަށް ބޭނުންވާ ވަސީލަތާއި ތައުލީމާއި ތަމްރީނުވެސް އިތުރަށް ހޯދަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކިބައިން ރައްޔިތުން އެދެމުން ދަނީ އިންސާފު ލިބިގެން ދިއުން ކަމަށެވެ. ނަމަވެސް އިންސާފު ލިބުމުގެ ފެށުމަކީ ވެސް ފުލުހުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ފުލުހުންގެ ތަހުގީގުތައް އަވަސް ކުރުމަކީ އިންސާފު ލިބުމަށް އަވަސްވުން ކަމަށް ރައީސް ވިދާޅުވިއެވެ.