Last Updated: April 26, 22:09
Friday, April 26, 2024
ޚަބަރު

ނާއިބު ރައީސް ފައިސަލް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވައިފި

ނާއިބު ރައީސް ފައިސަލް ނަސީމް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ނާއިބު ރައީސް އެ ސެންޓަރަށް ވަޑައިގެން ތަނުގެ ހާލަތު ބައްލަވާލައްވާފައިވާ ކަމަށާއި އަދި މުވައްޒަފުންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ، އެ ސެންޓަރުން އެކިއެކި ހިދުމަތްތައް ފޯރުކޮށްދެއްވާ ގޮތް ބައްލަވާލައްވައި އެ ސެންޓަރުގެ ހިދުމަތް ހޯދާ ބައެއް ފަރާތްތަކާއި އަދި ސެންޓަރުގެ މެނޭޖްމަންޓާ ވެސް ބައްދަލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެެއްވުމުގައި، ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓުން ވަނީ އެ ސެންޓަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ ދަތިކަމާއި ތަނުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ އެތަނުގެ ހިދުމަތް ހޯއްދަވާ ފަރާތްތަކާއި ބައްދަލުކުރައްވައި، ހިދުމަތް ހޯދުމުގައި އެ ބޭފުޅުންނަށް ކުރިމަތިވާ ދަތިތަކުގެ މައުލޫމާތު ސާފު ކުރައްވާފައެވެ.

މި ޒިޔާރާތްކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ސެންޓަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވުމަށް ކަމާގުޅުންހުރި އިދާރާތަކުގެ ފަރާތުން އެދިވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ސެންޓަރުގެ މެނޭޖުމަންޓުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ނާއިބު ރައީސް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވާފައި މިވަނީ ދާދިފަހުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް އެ ސެންޓަރަށް ޒިޔާރަތް ކުރައްވާފައި ވަނިކޮށެވެ.