Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ކޮވިޑް ޖެހިގެން ރާއްޖެއިން 12 ވަނަ މީހަކު މަރުވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ދެމުން އައި 80 އަހަރުގެ މީހަކު މިއަދު ފަތިހު މަރުވެއްޖެއެވެ.

މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިބަލީގައި ރާއްޖެއިން މަރުވި 12 ވަނަ މީހާއެވެ.

އިއްޔެގެ ވަގުތެއްގައި އައިޖީއެމްއެޗުގައި ވަނީ 77 އަހަރުގެ އަންހެނެއް ވެސް ކޮވިޑް ގައި މަރުވެފައެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ ދިވެހިންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނެވެ. އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ކޮވިޑް ވަރަށް ނުރައްކާތެރިއެވެ. އެއީ ނޭވާލުމުގެ ނިޒާމަށް ހަމަލާ ދޭ ވައިރަސްއަކަށް މިވައިރަސް ވާތީއެވެ.

ސިއްހީ މާހިރުން އަންނަނީ އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދީގެން ވީހާވެސް މަދުން ބޭރަށް ގޮސް އުޅެ ހެދުމަށް އިލްތިމާސް ކުރަމުންނެވެ.